އައްޑޫ ސިޓީގައި ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ، ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި 2 ގްރޫޕެއް ދެމެދުގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އަދި އެ ހާދިސާ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ދަންވަރު 12:28 ހާއިރު ކަމަށެވެ.

މާރާމާރީގައި އަނިޔާ ލިބުނު މީހާ ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާގެ ގައިގެ އެތަން މިތަން ވަނީ ޒަހަމް ވެފައެވެ. އެގޮތުން އަރިކަށީގެ ބޮޑު ބައެއްވެސް ވަނީ ވަރަށް ބޮޑުކޮށް ޒަހަމްވެފައެވެ. ޒަހަމްވެފައި ވަނީ ފިރިހެނެކެވެ. މި ކަމާ ގުޅޭ ގޮތުން އަދި އެ ހޮސްޕިޓަލުން މައުލޫމާތު ސާފުވާ ގޮތެއް ނުވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.