ދިވެހިންގެ ގައުމީވަންތަކަން ކުރިމަގުގެ ޖީލުތަކާ ހަމައަށް ފޯރުކޮށް ދެވޭނީ، ޅަދަރިންނާއި ޒުވާނުންގެ ހިތްތަކުގައި، ގައުމިއްޔަތުގެ ސިފަތަކަށް ހާއްސް ލޯތްބަކާއި ގަދަރެއް އުފެދިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައިެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމަކީ، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެއް ބަހަކުން ވާހަކަ ދެއްކުމާއި، އެއް ސަގާފަތެއް ހިއްސާކުރާ ބަޔަކަށްވުމަކީ، ދިވެހިންގެ ގައުމީ ފަހުރާއި ޝަރަފު އިތުރުވެގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ގަވާލުވެފައިވާ ގައުމީ އަމާނާތެއްކަން ގަބޫލުކޮށް، ގައުމިއްޔަތުގެ މި ތަނބުތައް، ނަގަހައްޓައި ދެމެހެއްޓުމަކީ، މި ލޮބުވެތި ވަޠަނަށް މަންމަގެ ނަމުން މުހާތަބުކުރާ ކޮންމެ ދިވެއްސެއްގެވެސް ވާޖިބެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ގައުމިއްޔަތަކީ، ގުރުބާނީތަކުގެ ބިމުގައި، ގައުމީ ބަތަލުންގެ ޖިހާދީ ލެޔާއި، ރައްޔިތުންގެ ހިތްވަރާއި ފަންވަރުން ދިރުން ލިބިގެން ހެދި ފޯދޭ ވަސްމީރު މާގަހެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ގައުމިއްޔަތަކީ، ވަސްމީރު މާގަހެއް ކަމަށް ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ، ގައުމިއްޔަތުގެ ވަސްމީރު މާމެލާމެލިން، މާދަމާގެ ޖީލުތަކަށް މިނިވަންކަމުގެ ހުވަނދު ލެވޭނީ، އަދުގެ ދިރިތިބީން އެގަހަށް ހޭހަންކޮށް، އެންމެންގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު ފުރިހަމައަށް ހަރުލައްވައިގެން ކަމަށެވެ.

ގައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މިއަދުވެސް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ މަތިވެރި އުފަލަކީ، އަދި އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ދިވެހި ގައުމަށްޓަކައި، ދިވެހި ރައްޔިތުންގެ ދިފާއުގައި، ފުރާނަޔާއި ލެއިން ގުރުބާންވާން ތައްޔާރަށް އޮތް ސަލާމަތީ ފައުޖެއް މިގައުމުގައި ސާބިތުވެ އޮތުން ކަމަށެވެ. އަދި މިއީ ހަމަ ކޮންމެ ދިވެއްސަކުމެ ފަހުރުވެރިވާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.