ރޭގަނޑު 11 ޖަހަންދެން މާލޭގައި ވެހިކަލް ދުއްވޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފިއެވެ.
އެޗްޕީއޭން ބުނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅައިފައި ވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ ގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 11 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކޮށްފައިވާ ކަމަށެވެ. ކުރިން އޮތް ގޮތުން ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.
އެ ފިޔަވަޅާއެކު މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތް ދެވޭ ވަގުތުވެސް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން މިހާރު ރޭގަނޑު 10:30 އާ ހަމައަށް ހިދުމަތް ދެވޭނެއެވެ.
ކާފިއު އިއުލާންކޮށްފައިވާ ވަގުތައް ބަދަލު ގެނެސް ޑެލިވަރީ އަދި ޓެކްއަވޭގެ ހިދުމަތްތައް ދެވޭނެ ވަގުތު އިތުރު ކުރުމަށް ނިންމާފައި ވާއިރު، މީގެ ކުރިން ޕޮޒިޓިވްވާ މީހުން އިތުރު ވުމާ ގުޅިގެން ވަނީ މިފަދަ ހިދުމަތްތައް ދިނުން މެދުކަނޑާލާފައެވެ. ނަމަވެސް، މިހާރު ކޮވިޑް-19 ފެތުރުން މަޑުޖެހެމުން ދިއުމާއެކު ވަނީ ގިނަ ލުއިތަކެއް ދީ ރާއްޖެ ހުޅުވާލާފައެވެ.
އެގޮތުން ޖުލައި މަހު 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި އިރު އިއްޔެ ވަނީ ގެސްޓްހައުސްތައް ހުޅުވާލާފައެވެ.