ޕީޕީއެމް އިން މިއަދު ތައާރަފް ކުރި "ލޯޔަލިޓީ ކާޑު" އަށް ސަރުކާރުގެ މައި ޕާޓީ އިސްބޭފުޅެއް ކަމުގައިވާ އަލީ ނިޔާޒު ފާޑު ވިދާޅުވެއްޖެއެވެ.
އެ ކާޑު ތައާރަފް ކުރުމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ޕާޓީ މެންބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ޕާޓީގެ ކޮންމެ މެންބަރެއް ވެސް ޕާޓީއަށް ލޯޔަލް ވާނީ އެއް މިންވަރަކަށް ކަމަށާއި ޕީޕީއެމްގެ ލޯޔަލިޓީ ކާޑުން ދައްކުވައި ދެނީ ޕާޓީގެ މެންބަރުން ތަފާތު ކުރާކަން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ޕީޕީއެމުން ބުނެފައި ވަނީ ލޯޔަލްޓީ ކާޑަކީ، އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ތައާރަފު ކޮށްފައިވާ ކާޑެކެވެ. ޕީޕީއެމް އަށް ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފް ކޮށްފައި ވާ އެ ކާޑު މެދުވެރިކޮށް ކޮންމެ މަހަކުވެސް ޕާޓީއަށް ފައިސާ ހަދިޔާ ކުރެވޭނެ ކަމަށް ޕީޕީއެމުން ބުނެއެވެ.
ކާޑުތައް އިފްތިތާހު ކުރުމަށް ފަހު ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންއަށް ވަނީ އަރުވާފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން މިކާޑާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީންއެވެ.
ލޯޔަލްޓީ ކާޑުގެ ޖުމްލަ ހަތަރު ގިންތިއެއް މިއަދު ވަނީ ތައާރަފް ކޮށްފައެވެ. އެ ހަތަރު ގިންތީގެ ކާޑުތަކުގެ ތެރޭގައި، މެޖެންޓާ، ސިލްވާ، ގޯލްޑްގެ އިތުރުން ޕްލެޓިނަމް ހިމެނެއެވެ.
މިކާޑުތަކުގެ ތަފްސީލް ދެއްވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ނަގައިދެނެވުނު ފިލާވަޅެއް ކަމަށާއި ޒަމާނާ އެއްގޮތަށް ސިޔާސީ ޕާޓީ ހިންގަން މިއަދު ދަސްކުރަން ޖެހޭ އިރު މިއީ ސިޔާސީ ގޮތުން ޕާޓީ ހިންގުމަށް ލިބިގެން ދާ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. މިކާޑުތަކުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް އަމާޒު ކޮށްގެން ތައާރަފް ކޮށްފައިވާ ކާޑެކެވެ.
އެ ރަސްމިއްޔާތުގައި ޕާޓީގެ ކާޑު ގަތް ބައެއް ފަރާތްތަކަށް ކާޑުވަނީ އެ ހަފްލާގައި ހަވާލުކޮށްފައެވެ.