ފިޝަރީޒް މިނިސްޓްރީން ފޯރުކޮށްދެމުންދާ ބައެއް ހިދުމަތްތައް ލުއިފަސޭހަ ކަމާއެކު އޮންލައިންކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާ އެހިދުމަތްތައް ދޭން މިއަދު ފަށައިފިއެވެ.
އެހިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެގްރިކަލްޗާ އޮންލައިން ސިސްޓަމް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި، މިނިސްޓްރީ އޮފް އިކޮނޮމިކްޑިވެލޮޕްމަންޓް އިން ހިންގަމުން އަންނަ މޯލްޑިވްސް ސިންގްލް ވިންޑޯ ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައި ތަރައްގީ ކުރެވިފައިވާ ސިސްޓަމެކެވެ.
މި ސިސްޓަމް އިފްތިތާހް ކޮށްދެއްވީ މިއަދު މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑްއެގްރިކަލްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޒު ފައްޔާޒު އިސްމާއީލްއެވެ.
މިއަދު އިފްތިތާހް ކުރެވުނު އެސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ގަސް ގަހާގެއްސާއި ޖަނަވާރު އިމްޕޯޓް އަދި އެކްސްޕޯޓްކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތާއި، ކަރަންޓީން ޔުނިޓުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ހިމެނޭ ކަމަަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ވެޓިނަރީ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް އެ އެޕްލިކޭޝަންގެ ތެރެއިން ލިބޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ސިސްޓަމް މެދުވެރިކޮށް މިހާރު މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށާއި މި ސިސްޓަމް އަދިވެސް އިތުރަށް ތަރައްގީކުރެވި، މިނިސްޓްރީން ފޯރުކޮށްދެމުންދާ އެހެނިހެން ހިދުމަތްތައްވެސް މުސްތަގްބަލުގައި އެ ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދެވެމުންދާނެ ކަމަށެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިޑާޅުވީ މިއީ ސަރުކާރުގެ ހިދުމަތްތައް އެއްވިއުގަޔަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ހިންގާ މޯލްޑިވްސް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އެކި މިނިސްޓްރީތަކަށް ތައްޔާރު ކުރާ އެޕްލިކޭޝަންތަކުގެ ތެރެއިން އެންމެ ފުރަތަމަ އިފްތިތާޙް ކުރެވުނު މޮޑިއުލްކަމަށެވެ.
އެ އެޕްލިކޭޝަން ބޭނުންކުރެވޭނީ، މޯލްޑިވްސް ސިންގްލް ވިންޑޯ މަޝްރޫއުގެ އެހެން އެޕްލިކޭޝަންތައް ބޭނުން ކުރާ ފަދައިން، އީ-ފާސް' ލޮގިން މެދުވެރިކޮށެވެ. އެސިސްޓަމްއަށް ލޮގިން ކުރުމަށް ލިކްން ބޭނުން ކުރެވޭނެއެވެ.