7 މަސް ވަންދެން ކުދިން ތިބި ގްރޭޑުގައި މަޑުކުރަންޖެހޭތީ ބެލެނިވެރިން ހިތްހަމަ ނުޖެހި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އެޕެޓިޝަނުގައި ބުނީ ސްކޫލްތަކުގައި ކިޔަވައިދޭ މުގައްރަރަކީ ވަރަށް ގިނަ ދިރާސާތަކަކާއެކު ކުދިންގެ އުމުރު ފުރާއާ ގުޅޭގޮތަށް ތައްޔާރުކޮށްފައި އޮންނަ އެއްޗެއް ކަމަށެވެ. އަދި ދަރިވަރުންގެ ތައުލީމީ އުމަރަކީ އެ ކުދިންގެ މުޅި މުސްތަގްބަލާ ގުޅިފައިވާ އެއްޗެއް ކަަމަށް އެޕެޓިޝަނުގައި ބުނެފައިވެއެވެ.

އެގޮތުން ސަރުކާރުން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭ ތާރީހް ލަސްކުރުމަށް ނިންމުމުން، ކުރިއަށް އޮތް 9 އަހަރު ކުދިން ގްރޭޑް 10 ނިމޭ އުމުރު 16 އަހަރުގެ ބަދަލުގައި 17 އަހަރަށް ބަދަލުވެގެން ދާނެ ކަމަށާއި ކުރިއަށް އޮތް 3 އަހަރު (މިހާރު ނާސަރީ، ޖޭ.ކޭ.ޖީ އަދިއެސް.ކޭ.ޖީ ގައި ކިޔަވާ ދަރިވަރުން)، ގްރޭޑް 1 ވައްދާ އުމުރު ފުރާ 8 އަހަރަށް ބޮޑުވެގެން ދާނެ ކަން އެޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.

އެއީ އަޅުގަނޑުމެންނަށް ބެލެނިވެރިންގެ ހައިސިއްތުން ތާއީދު ކުރެވޭނެ ސިޔާސަތެއް ނޫނެވެ. ސަބަބަކީ، ދަރިވަރުން މަތީ ސާނަވީ ތައުލީމު ނިންމައި ޔުނިވާސިޓީ ފެށޭ އުމުރު، 20 އަހަރަށް ބަދަލުވެގެން ދާނެތީއެވެ. އޭގެ ބަދަލުގައި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް-19 ގެ ޕެންޑަމިކާ ގުޅިގެން އަމަލުކުރާ އުސޫލާ އެއްގޮތަށް، ކިޔަވާ ކުދިންނަށް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އާ ދިރާސީ އަހަރަކަށް ޕްރޮމޯޓް ވެވޭނޭގޮތަށް ހަމަޖައްސަވައި ދެއްވުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަމެވެ.
ޕެޓިޝަން

އޭގެ އިތުރުން އެގޮތަށް ދިރާސީ އަހަރު ދިގުލައިގެން ދިޔުމުން، ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އެ ކުދިންގެ ބެލެނިވެރިން އިތުރު 6 މަސްދުވަހަށް ފީ ދައްކަންޖެހޭނެ ކަމަށާއި ސަރުކާރުންވެސް މިހާރު ކިޔަވަމުންދާ ކޮންމެ ކުއްޖަކަށް ކުރަންޖެހޭ ހަރަދު އިތުރު 6 މަސް ދުވަހަށް، ކުރިއަށް އޮތް 9 އަހަރު ކުރަންޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ.

މަތީގައި ދަންނަވާފައިވާ ކަންތައްތައް އެހެން ހުރުމުން، އަޅުގަނޑުމެން މި އެދެނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށުނު ސްކޫލް ކުދިންގެ ދިރާސީ އައު އަހަރު 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިމޭގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސާފައިވާނަމަ، އެޕޮލިސީ އަލުން މުރާޖައާކޮށް ދެއްވުމަށެވެ.
ޕެޓިޝަން

އޭގެ އިތުރުން ދިރާސީ އަހަރު ފެށޭ ތާރީހު ޖޫން ނުވަތަ ޖުލައި މަހަށް ބަދަލުކުރާނަމަ، 2021 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ޖަނަވަރީ 2021 ގައި ފަށާ، އެ އަހަރުގެ ސްކޫލް ޗުއްޓީ ކުރުކުރުމަށްފަހު، ހާއްސަ ޕްލޭނަކާއެކު ދިރާސީ އަހަރު އެ މުއްދަތުގައި ނިންމުމަށްފަހު، 2021 ވަނަ އަހަރުގެ އޯގަސްޓް މަހު އައު ދިރާސީ އަހުރެއް ފަށާގޮތަށް ހަމަޖެހިއްޖެނަމަ، ކުދިންގެ އުމުރުން އަހަރެއް ގެއްލިގެން ނުދާގޮތަށް، އަދި އިތުރު ހަރަދުތަކެއް ނުކޮށް، ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރެވިގެން ދާނެކަމަށް ވެސް އެޕެޓިޝަނުގައި ވަނި ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައިފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުމުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކިލާސް މެދުވެރިކޮށާއި އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ.

އަލުން ސްކޫލްތައް ހުޅުވާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން މާލެ ސަރަހައްދުގެ ސްކޫލުތައް ފިޔަވައި އެހެން ހުރިހާ ރަށްތަކުގެ ސްކޫލުތަކުގައު ގްރޭޑް 1 އިން ގްރޭޑް 12 އަށް ކިޔަވައިދޭން ވަނީ ފަށާފައެވެ.

އަދި މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައި ވަނީ ގްރޭޑް 9 އިން ގްރޭޑް 12ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޮވިޑް ފެތުރުން އިތުރުވެފައި ވާތީ ފަހުން މާލޭގެ ސްކޫލްތައް ވަނީ ވަގުތީ ގޮތުން ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ފަށި ނަމަވެސް މިމަހުގެ 4 ވަނަ ދުވަހު ވަނީ އަނެއްކާވެސް ސްކޫލުތައް ހުލުވާލާ ކިޔަވއިދޭން ފަށާފައެވެ.