އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް ފާއިތުވީ 2 ދުވަހު ކުރި ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 32 އަށް އަރައިފިއެވެ.

ގަދަ ވިއްސާރައިގެ އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި އަންދަރަޕްރަދޭޝް، ކަރުނާޓަކާ އަދި އޮރިއްސާވެސް ހިމެނެއެވެ. މި ވިއްސާރާގައި އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ތެލަންގާނާ ސްޓޭޓްގެ ވެރިކަން ކުރާ ހައިދަރުއާބާދު ސިޓީއަށެވެ. ހައިދަރުއާބާދުގެ އާސާރީ ތަންތަންވެސް މިހާރު ވަނީ ފެނު އަޑީގައި ކަމަށް ޚަބަރު ލިބެއެވެ.

ހައިދަރުއާބާދުން އެކަނިވެސް 18 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، ވީނުވީ އެއް ނޭނގި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައި ވުމުން، މި އަދަދު އަދިވެސް އިތުރުވުން އެކަށީގެންވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ހައިދަރުއާބާދާ އިންވެގެން އޮންނަ އަންދަރަޕްރަދޭޝްއާއި ކަރުނާޓަކާއާ ދެމެދު އޮންނަ ގުޅުން ކެނޑިފައިވާއިރު، ހައިދަރުއާބާދުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާތާ 24 ގަޑިއިރުވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިންޑިއާގެ އައިޓީ ހަބުގެ ގޮތުގައި ސިފަކުރަމުން އަންނަ ހައިދަރުއާބާދުގައި ޓެކްނޮލޮޖީގެ ސިނާއަތުގައި މަސައްކަތް ކުރާ 95 ޕަސެންޓް މުވައްޒަފުން، މާޗް މަހުން ފެށިގެން ވަޒީފާ އަދާކުރަމުންދަނީ ގޭގައި ތިބެގެންނެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ، ހުކުރު ދުވަހުގެ ނިޔަލަށް، ދެކުނުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައެވެ.