253 އެނދާއެކު ރާއްޖޭގެ އެންމެ ބޮޑު ގެސްޓްހައުސް ކ. މާފުށީގައި ހެދި "ކާނި ޕާމް ބީޗް" މިއަދު ހުޅުވައިފިއެވެ.

ކޮވިޑް-19އަށް ފަހު ގެސްޓްހައުސްތައް ހުޅުވާލުމަށް މާފުށީގައިި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކާނި ކުންފުނީގެ ޕާމް ބީޗް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

12 ބުރިއަށް ހަދާފައިވާ ކާނި ޕާމް ބީޗްއަކީ ހަތަރު މިލިއަން ޑޮލަރު (ގާތްގަނޑަކަށް 61 މިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެކެވެ.

އެ ގެސްޓްހައުސްގައި 253 އެނދު ހުންނައިރު، އިވެންޓުތައް ބާއްވަން ހާއްސަކޮށް 130 މީހުންގެ އިވެންޓު ހޯލެއް ވެސް ހުރެ އެވެ. މީގެ އިތުރުން މި ގެސްޓްހައުސްގެ މަތީގައި މާފުށި މަތިން ރަށް ފެންނަ ގޮތަށް އިންފިނީޓީ ޕޫލެއް ހަދާފައިވުމުގެ އިތުރުން ސްޕާ އާއި އެހެނިހެން ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމް ކޮށްފައި ވެއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދު ކޮޮށްފައި ހުރުމަށްފަހު އަލުން ހުޅުވި ފުރަތަމަ ގެސްޓު ހައުސް ވެސް މެއެވެ.

މިއަދު އެ ރަށުގައި ރަސްމިއްޔާރު ބާއްވާފައި ވާއިރު، ކުރިއަރަމުން އަންނަ ލޯކަލް ޓޫރިޒަމް އެންމެ ފުރަމަ ފަށާފައި ވަނީވެސް މާފުށިންނެވެ.