މި ސަރުކާރުން މޫދުގަ ގެ އަޅާފައި ދޭން ބޭނުންވާ މީހުންނަށް ދިނުމަށާއި ކުރީގެ ވެރިކަމުގައި އެޅި ގެތައް ހައްގުވެރިންނަށް ދިނުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާ މަޝްރޫގެ ދަށުން އެޅި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުން މި ސަރުކާރުން ފްލެޓް ނިގުޅައިގެންފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަންގެ ލީގަލް ޓީމުން މިއަދު އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމަށް ފަހު މީޑިއާ ތަކަށް މައުލޫމަތު ދެއްވަމުން ލީގަލް ޓީމުގެ މެންބަރަކު ވިދާޅުވީ ފްލެޓް ތަކަށް ދެން ވާނެ ގޮތެއް ނޭނގޭ ކަމަށާއި ފްލެޓްތަކާ ގުޅޭ ގޮތުން މި ސަރުކާރުން ދައްކަމުން ދަނީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް އެ އިރެއްގައި ހުންނަވާ ވެރިޔަކު ކަށަވަރު ކޮށްދެއްވާ ހައްގެއް ކަމަށާއި ހިޔާ ފްލެޓްތަކަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަޅާފައިވާ ފްލެތްތަކެއް ނޫން ކަަމަށެވެ. އަދި މި ސަރުކާރުން މޫދުގައި ގެ އަޅާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

އެބޭފުޅާ ބޭނުންވާ ގޮތަކަށް ކަނޑުގަ ގެ އަޅާފަ މޫދުގަ ގެ އަޅާފަ އެހެނެއް އެކަމެއް ނުކުރެވޭނެ އިހައްދުވަހުވެސް މުހައްމަދު އަސްލަމް ވިދާޅުވީ މިއުޅެނީ ކަނޑުގަ ގެ އަޅާށޭ ފަޅުގަ ގެ އަޅާށޭ އަޅުގަނޑުމެން ދަންނަވާނީ ކަނޑުގަ އަޅާ ގެ ތައް ބޭނުންވާ ބަޔަކަށް ދެއްވަވާފައި ކުރީ ސަރކާރުން އެޅި ގެ ތައް އޭގެ ހައްގުވެރިންނަށް ދޭށޭ
އިދިކޮޅުގެ ލީގަލް ޓީމް

އިދިކޮޅުން އެފަދައިން ބުނެފައި ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ މޫދުގައި ގެއަޅައިގެން ދިރިއުޅުމުގެ ކޮންސެޕްޓެއް މިހާރު ތައްޔާރު ކޮށްފައި ވާ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެންނެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ރާއްޖޭގައި އޮތް ބިމަކީ މަދު އެއްޗެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެން ފަށާފައިވާ ކަމަށާއި ރާއްޖޭގެ ބިމާ ގުޅޭގޮތުން ދިވެހިން ދެކޭގޮތްވެސް މިހާރު ބަދަލުވާން ފަށާފައި ވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް ބިންތައް ތަރައްގީވެފައި އޮތީ ތަސައްވުރެއް އޮވެގެން ނޫން ކަމަށާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށުގައި މީހުން ތޮއްޖެހި އަދި ބިމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުކުރެވި ހުރިކަމަށްވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ވިސްނުމަކީ، ބިމުގެ މައްސަލަ ކުރިމަތި ވެފައިވާ ރާއްޖެއަށް އޮތް "ޓޯޓަލް ސޮލިއުޝަނެއް" ނޫން ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސަބަބުން "ޓޯޓަލް ސޮލިއުޝަން" އަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ލިބޭނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ މޫދުގައި ކޮޓެރި ހަދައިގެން ދިރިއުޅޭ ވާހަކަ އެންމެ ފުރަތަމަ މިނިސްޓަރު އަސްލަމް ދެއްކެވީ ވެސް މަޖިލީހުގައި އަހަރުގެ ފެބުރުއަރީ މަހުއެވެ. އެ ދުވަހު މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށާއި ފަޅު މަތީގައި ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުމަކީ ގެންގުޅެން ޖެހޭ ވިސްނުމެއް ކަމަށެވެ.