ދަނޑުވެރިކަން ކުރާ ބިންތަކުން، ކުރިއަށް އޮތް 3 އަހަރު ދުވަހު އެއްވެސް ކުއްޔެއް ނުނެގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފިއެވެ.

އެމަނިކުފާނު މިފަދައިން ނިންމެވީ، ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، ދަނޑުވެރިކަމަށް ފަހި ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައިވާނީ، މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ކަމަށެވެ. އަދި އަދި ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު 6 ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް، މިދިޔަ ހަފުތާގައި އިއުލާން ކޮށްފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް، ސަރުކާރުގެ ވައުދާ އެއްގޮތަށް، މިހާރު ވާނީ ކަނޑާލައިފައިވާއިރު، މިދިޔަ އަހަރުން ފެށިގެން، އެސްޑީއެފްސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން ލޯނު ދޫކުރަމުންދާ ކަމަށެވެ. އަދި ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މައަލޫމާތު ފެތުރުމުގެ މަސައްކަތްވެސް އިތުރަށް ފުޅާކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނުއްސުރެ ދަނޑުވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދަނޑުވެރިން އުފައްދާ ތަކެތި، ރަނގަޅު އަގުގައި ތާޒާކަމާއެކީ، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ނެތުމެވެ. އެހެންކަމުން މި ދަތިކަން ހައްލުކޮށްދިނުމަށް މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި، ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުންޏެއް އުފައްދާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިގްތިސޯދަށް ކުރިމަތިވެފައިވާ މި ހީނަރުކަމުން އަރައިގަތުމަށްޓަކައި، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމާ ގުޅޭ މަޝްރޫއުތަކަށް، ބޭރުގެ އެހީދޭ ޖަމްއިއްޔާ ޖަމާއަތްތައް މެދުވެރިކޮށް އެހީ ހޯދުމުގެ މަސައްކަތްވެސް، ސަރުކާރުން ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް ޖަޕާން ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ޔޫއެންޑީޕީ މެދުވެރިވެގެން، ރާއްޖޭގެ ދެކުނުގައި ދަނޑުވެރިން އުފައްދާ ތަކެތި ގަނެ، ތާޒާކަމާއި ރައްކާތެރިކަމާއެކު، ބާޒާރަށް ނެރެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި، ރާއްޖޭގެ އުތުރުގެ 3 އަތޮޅު ޝާމިލުވާ ގޮތަށް، ދަނޑުވެރިކަން ފުޅާކުރުމުގެ މަޝްރޫއެއްގައި މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެއީ، ދަނޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ދަނޑުވެރިން އަހުލުވެރިކުރުވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކައި މާކެޓް ކުރުމަށާއި، ދަނޑުވެރިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެގެންދާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.