ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ރަށްވެހިންގެ 45 ޕަސެންޓް މީހުންގެ ހަށިގަނޑުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އެންޓިބޮޑީޒް ފެނިފައި ވާ ކަމަށާ، ޓެސްޓު ކުރި މީހުންގެ 80 ޕަސެންޓް މީހުންނަކީ އެސިމްޓޮމެޓިކް މީހުން ކަމަށް، ގައުމީ ފެންވަރުގެ ދިރާސާއަކުން ދައްކައިފިއެވެ.
ބަންގްލަދޭޝްގެ އިންސްޓިޓިއުޓް އޮފް އެޕިޑެމިއޮލޮޖީ ޑިޒީޒް ކޮންޓްރޯލް އެންޑް ރިސާޗް (އައިޑީސީއާރް)ގެ ދިރާސާ ދައްކާ ގޮތުގައި، ޑާކާއިން ޓެސްޓު ކުރި ސާމްޕަލްތަކުގެ 9.8 ޕަސެންޓް ސާމްޕަލްއިން ކޮވިޑް-19ގެ އެންޓިބޮޑީޒް ވަނީ ފެނިފައެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ޑާކާގެ ފަގީރު އަވަށްތަކުން ނެގި ސާމްޕަލްތައް ކަމަށްވެސް މައުލޫމާތު ލިބެއެވެ. ފަގީރު އަވަށްތަކުން ނެގި ސާމްޕަލްތަކަށް ބަލާއިރު 74 ޕަސެންޓް މީހުންގެ ހަށިގަނދުން އެންޓިބޮޑީޒް ފެނިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
ދިރާސާގެ އިތުރު ހޯދުންތަކަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ 24 ޕަސެންޓް ހިއްސާކުރަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނެވެ. 15 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރު ފުރާގެ 18 ޕަސެންޓް ޕޮޒިޓިވް ކަމަށް ރެކޯޑްތަކުން ދައްކައެވެ.
21 މިލިއަން މީހުންގެ އާބާދީއެއް އޮތް ޑާކާގައި، މި ޓެސްޓު ކުރިއަށް ގެންގޮސްފައި ވަނީ 25 އަވަށަކުން ހޮވާލެވުނު 12699 މީހަކު ބައިވެރިކޮށްގެންނެވެ.