މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދިގު ދަންމާލައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މި މަހުގެ 11 ވަނަ ދުވަހު އެޅި ފިޔަވަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.

ރާއްޖޭގައި މިހާރު އަންނަނީ ވަރަށް ހަލުވި ކަމާއެކު ކޮވިޑް ބަލި ފެތުރެމުންނެވެ. އަދި މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ހަވީރު 4:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. މި ހާލަތުގައި އެތަން ތަނުން ހަމައެކަނި ދެވޭނީ ޓޭކްއަވޭ ހިދުމަތާއި ޑެލިވަރީ ހިދުމަތެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އަންގާފައެވެ.

އާންމުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތައް ކުރިމަތި ނުވާނެ ގޮތަށް ކަންކަން ހަމަޖެއްސުމަށްޓަކައި ކާފިއު ވަގުތުތަކުގައި ހާއްސަ ހުއްދައަކާ އެކު ފިހާރަތަކަށާއި ކެފޭ ރެސްޓޯރަންޓް ތަކަށް ރޭގަނޑު 12:00 ޖެހުމާ ހަމައަށް ޑެލިވަރީ ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމާއި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ފުލުހުންގެ ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް ވަނީ މަނާ ކޮށްފައެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.