ރ. ވިލުފުށީ ގެއަކުން ވައްކަން ކުރި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ވިލުފުށީގައި މީހުން ދިރިއުޅޭ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިމަހު 9 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ކޯޓު އަމުރެެއްގެ ދަށުން 26 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 36 އަހަރުގެ މީހާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި 26 އަހަރުގެ މީހާއަށް ވަނީ ޒަރޫރީ ބޭނުމެއްގައި މެނުވީ 15 ދުވަސް ވަންދެން ރަށުން ބޭރަށް ނުދިއުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވައްކަމާއި ފޭރުމަކީ މިހާރު ރާއްޖޭގަިއ ވެސް އާންމުވަމުން އަންނަ ކަންކަމެވެ. އެގޮތުން، ގޭގެއަށް ވަނދެ ވައްކަން ކުރުމާއި، ފިހާރަތައް ފަޅާލައިގެން ވައްކަން ކުރުމުގެ އިތުރުން އޮފީސްތަކުގެ ތިޖޫރީތަކުން ވެސް ދަނީ ވައްކަން ކުރަމުންނެވެ.