ކޮވިޑް-19ގެ ސަބަބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އުސޫލުތަކާ ހިލާފަށް މާލެއިން އަމަލުކުރި 112 ތަނެއް މިހާތަނަށް ބަންދު ކުރަން ޖެހުނު ކަމަށް އެ އެޖެންސީން ބުނެފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓްރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ މާސް އިންސްޕެކްޝަންގެ 4ވަނަ ބުރުގައި މިހާތަނަށް 3277 ތަނެއް ބަލާފައި ވާކަމަށާއި އޭގެ ތެރެއިން 112 ތަނެއް ބަންދު ކޮށްފައިވާ ކަމަށެވެ.

ބަންދުކުރި ތަންތަނުގެ ތެރެއިން އެޗްޕީއޭގެ ގައިޑްލައިންނާ އެއްގޮތަށް އިންތިޒާމު ކުރި 103 ތަނަކަށް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 21 އިން ފެށިގެން މިއަދުގެ ނިޔަލަށް 3277 ތަނެއް އިންސްޕެކްޓް ކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ 2534 ފިހާރަ އާއި 586 ކެފޭ އަދި 122 ސެލޫން އަދި 17 ޖިމާއި 18 މާރުކޭޓް ކަމަށް ޑރ. ނަޒްލާ ވިދާޅުވެއެވެ.

އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ އިންސްޕެކްޝަން ތަކުގައި ކާބޯތަކެތީގެ ހިދުމަތް ދޭ 335 ތަނެއް ބަލާފައިވާ ކަމަށާއި އޭގެ ތެރޭގައި 1148 ފިހާރައާއި 51 ސެލޫނާއި 5 ޖިމާއި 22 މާރުކޭޓް ބަލާފައި ވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެ އިސްޕެކްޝަން މިހަފްތާ ނިމެންދެން ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭން ބުނެފައި ވާއިރު، މިއީ މާލޭގައި ކުރިއަށް ގެންދިޔަ މިފަދަ ހަތަރު ވަނަ އިންސްޕެކްޝަނެވެ.