ހުޅުމާލޭގައި ހުންނަ ފިިޔަވަތިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 36 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ބުނެފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ ފިޔަވަތިން ޕޮޒިޓިވްވި 36 މީހުންގެ ތެރޭގައި ހިމެނެނީ 18 މުވައްޒަފުންނާއި 18 ކުދިން ކަމަށެވެ.
އަދި މި ކޭސްތަކާއި ގުޅިގެން 72 މީހުން ކަރަންޓީން ކުރެވިފައިވާ ކަމަށާއި، އެ އެންމެން ވެސް ކަރަންޓީން ކުރެވިފައި ވަނީ އެތަނުގެ ތެރޭގައި ކަމަށާއި ކަރަންޓީންގައި ތިބި 72 މީހުންގެ ތެރޭގައި ހިމެނެނީ 19 މުވައްޒަފުންނާއި 53 ކުދިން ކަމަށެވެ.
ފިޔަވަތިން އިތުރު ބަތަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެސް ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން އިތުރަށް ޕޮޒިޓިވް ކޭސް އެއް ފެނިފައި ނުވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ފިޔަވަތިން ކޮވިޑް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ ފިޔަވަތިން 13 ޕޮޒިޓިވް ކޭސް ފެނިފައެވެ. އެއާ އެކު މިހާރު ޖުމްލަ 36 ކޭސް ވަނީ ފެނިފައެވެ.
ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ ފިޔަވަތީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފަކު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ރޯގާގެ އަލާމާތްތައް ހުރުމާ ގުޅިގެން ފްލޫ ކްލިނިކްއަށް ދައްކާ ޓެސްޓް ކުރުމުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ފަރާތަކީ 10 އަހަރާއި 13 އަހަރުގެ ފިރިހެން ކުދިން ބަހައްޓާފައިވާ ފަންގިފިލާގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފެއް ކަމުން އެ ފަންގިފިލާގެ ކުދިން ކަރަންޓީން ކޮށްފައިވާ ކަމަށްވެސް ޖެންޑާއިން ވަނީ ބުނެފައެވެ.
އެ ކުދިންގެ ޓެސްޓް ކޮށް އިތުރު 8 ކުދިން ޕޮޒިޓިވް ވެފައި ވާއިރު، އެ ކުދިންގެ ތެރޭގައި ހައިރިސްކް ކެޓަގަރީގައި ހިމެނޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ކެއާވޯކާ އާ އެކު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު މޮނިޓާކޮށް އެދެވޭ ފަރުވާ ދެމުން ދާކަމާ ހާލު ރަނގަޅު ކަމަށް ޖެންޑާއިން ވަނީ ބުނެފައެވެ.
ޕޮޒިޓިވްވި އެހެނިހެން ކުދިން ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުގެ އިރުޝާދުގެ ދަށުން ފެސިލިޓީ އަކަށް ބަދަލުކުރެވިފައި ކަމަށާއި އެ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ވެސް ޖެންޑާއިން ބުނެއެވެ.