ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލުޔެއް ދިނުމުގެ ގޮތުން، ކޮވިޑް-19 އަށް ކުރާ ޕީސީއާރް ޓެސްޓްގެ ނަތީޖާ ބަލައިގަންނަ ވަގުތު އިތުރު ކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިން ހުށައަޅަންޖެހޭ ޕީސީއާރް ޓެސްޓުގެ ނަތީޖާގެ ވަގުތު 72 ގަޑިއިރުން 96 ގަޑިއިރަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
ސެޕިޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަށް ރާއްޖެ އަންނަ ފަރާތްތަކަށް ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފައެވެ. އަދި 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރާއްޖެ އެތެރެވެވޭނީ ކޮވިޑް-19 އަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ ދެއްކުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކަނޑައަޅާފައެވެ.
ރާއްޖެ އަންނައިރު ފަތުރުވެރިންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ 96 ގަޑިއިރު ނުވާނަމަ ބަލައިގަންނަން ނިންމާފައި ވާއިރު، މާދަމާއިން ފެށިގެން މާލޭ ސަރަހައްދު ނޫން ރާއްޖޭގެ އެހެން ރަށްތަކުގައި ހުރި ގެސްޓްހައުސްތައް ހުޅުވުމަށް ވެސް ވަނީ ނިންމާފައެވެ.
ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ހަތަރު މަސް ވަންދެން ރާއްޖޭގެ ބޯޑަރުތައް ވަނީ ބަންދުކޮށްފައެވެ. ޓޫރިޒަމް މުޅިން ހުއްޓާލާފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވައިލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. ރިސޯޓުތައް ހުޅުވާލައިގެން ފަތުރުވެރިކަން ކުރިއަށް ގެންދަން ފަށާފައި އޮތް ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ހިންގަން ފަށަން ކުރިން ނިންމާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
މީގެ އިތުރުން، "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ފެށި ކެމްޕޭން އިފްތިތާހުކޮށް ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރެވިފައި އޮތް ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށެވެ.
މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، ކޮމިޔުނިޓީ ސްޕްރެޑެއް ނެތް ކަމަށާއި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓާކޮށް ކޮންޓްރޯލް ކުރަމުން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
ނަމަވެސް މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަށް ނުދެވޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓްހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.