ދިޔަރެސް ނޫހުގެ ނޫސްވެރިއާ އަހްމަދު އަޒާނަށް އިންޒާރު ދީ ބިރުދެއްކި ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޫސްވެރިޔާ އަޒާނަށް އިންޒާރުދިން މައްސަލަ ފުލުހުންނަށް މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާއިރު އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން އެ މަސައްލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ވަނީ ކަންބޮޑުވުން ފާލުކޮށްފައެވެ.
އެގޮތުން މިބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަން ނޫން ކަމަށާއި، މި ބާވަތުގެ ކަން ކަމާ މެދު އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ. އަދި އެއީ މީގެ ކުރިން ވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާ ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަށް ވެފައިވާތީ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ހަމައެއާއެކު، ވީހާވެސް އަވަހަކަށް ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެމްއެމްސީންވެސް ވަނީ ފުލުހުންނަށް އިލްތިމާސްކޮށްފައެވެ.
އެމްއެމްސީގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް، މި މައްސަލަ ވީހާވެސް އަވަހަށް ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.
އެ ޖަމްއިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދައްކާ، އިންޒާރުދީ، ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅަން ޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އެފަދަ އަމަލުތައް ހިންގާފައިވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުން ލަސްވެގެން ދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.
ނޫސްވެރިންނަށް ދިމާވާ މިފަދަ ހުރިހާ މައްސަލައެއް ވީ އެންމެ އަވަހަކަށް އެމްޖޭއޭއަށް ހުށަހެޅުމަށްވެސް އެ ޖަމްއިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ނޫސްވެރިއާ އަޒާން ބުނާ ގޮތުގައި، އޭނާއާއި ދިޔަރެސް އެހެން ނޫސްވެރިއަކަށް ފުރައްސާރަ ކޮށްފައި ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަލްހާން ފަހުމީ އާއި އޭނާގެ ރައްޓެއްސެކެވެ. މަގުމަތިން ފުރައްސާރަ ކުރުމުގެ އިތުރުން، އަލްހާން ދަނީ އޭނާގެ ފޮޓޯތައް އެޑިޓްކޮށް، ސޯޝަލް މީޑިއާގައި ފަތުރަމުން ކަމަށް ވެސް އަޒާން ބުނެފައިވެއެވެ.