އަދާ ޖެހުނުއިރުވެސް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ސްކޫލްތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވާ ދިނުން މެދުކަނޑަލާފައި އޮންނަތާ އެތައް މަހެއް ފަހުން، މާދަމާ ސްކޫލްތައް ހުޅުވުމަށް ނިންމާފައި ވާ ކަމަށް، އަވަށްޓެރި އިންޑިއާގެ ދާހިލީ ވުޒާރާއިން އާންމު ކުރި ޕްރެސް ރިލީޒް އެއް ބުނެފިއެވެ.

ދާހިލީ ވުޒާރާގެ ބަޔާނުގައި ބުނެފައި ވާ ގޮތުން، ސްކޫލްތަކަށް ހާޒިރުވާން ބޭނުންވާ ދަރިވަރުން ސްކޫލަށް ދާންޖެހެނީ، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހިފައިގެންނެވެ. ސްކޫލަށް ހާޒިރުވުމަށް އެއްވެސް ދަރިވަރަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށާ، މިކަމުގެ ފުރިހަމަ އިހުތިޔާރު އޮތީ ބެލެނިވެރިންގެ އަތް މަތީގައި ކަމަށްވެސް މި ބަޔާނުގައިވެއެވެ.

ދުނިޔޭގެ ނިސްބަތުން ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓް ކުރަމުން ދިޔަ އިންޑިއާއިން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު، މި ހަފުތާގައި ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 63509 ކޭހެކެވެ. އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 7.23 މިލިއަނަށް އަރާފައެވެ.

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި 730 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު، މި ބަލީގައި އެ ގައުމުން މަރުވި މީހުންގެ އަދަދު 110586 އަށް އަރައެވެ.

މާދަމާ ހުޅުވާލަން ނިންމާފައިވަނީ ބައެއް ސްކޫލްތަކެވެ. އުތުރު ޕަންޖާބު ސްޓޭޓްގެ ސްކޫލްތައް ހުޅުވާލި ނަމަވެސް، އުއްތަރަ ޕްރަދޭޝްގެ ސްކޫލްތައް ހުޅުވާލަނީ އޮކްޓޯބަރު 19 އިން ފެށިގެންނެވެ. ދިއްލީއާއި މަހާރާޝްތްރާގެ ސްކޫލްތައް މިމަހުގެ 31ގެ ނިޔަލަށް ބަންދު ކުރުމަށް ނިންމާފައި ވާއިރު، ސްކޫލްތައް ހުޅުވުމާ މެދު ވެސްޓް ބެންގޯލް ސްޓޭޓްއިން ގޮތެއް ނިންމާނީ ނޮވެމްބަރު 14 ވަނަ ދުވަހަށް ފަހުގައެވެ.

ކަން މިހެން އޮތް އިރު، މާދަމާއަކީ އިންޑިއާގެ ސިނަމާތައްވެސް ހުޅުވަން ތާވަލުކޮށްފައި ވާ ދުވަސްކަން ފާހަގަކުރަންޖެހެއެވެ.