ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު މިއަހަރު މިހާތަނަށް ޑެންގީ، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުމާއި ހޮޑުލެވުން ރިޕޯޓް ކޮށްފައިވާ އަދަދު މަދު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިް ބުނީ މިދިޔަ އޮގްސްޓްމަހު ޑެންގީ ޖެހިގެން 20 މީހަކު ރިޕޯޓް ކޮށްފައި ވާއިރު ސެޕްޓެމްބަރު މަހު ރިޕޯޓް ކުރީ އެންމެ 12 މީހުން ކަމަށެވެ. އެހެން އަހަރުތަކުގައި މަހަކު 300 އާއި 600 އާ ދެމެދުގެ އަދަދަކަށް ޑެންގީ ހުން ޖެހިގެން މީހުން ރިޕޯޓް ކުރެއެވެ. އެޗްޕީއޭއިން ވަނީ މި ދުވަސްވަރު މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދު ކަމުގައިވީ ނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ މިއަހަރު ފުރަތަމަ 3 މަހާ އަޅާ ބަލާއިރު މިއަހަރު މޭ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކޮށްފައި ވާ އަދަދު އިތުރު ވެފައިވާ ކަމަށެވެ. ނަމަވެސް ޖޫން މަހުން ފެށިގެން ރިޕޯޓް ކުރި އަދަދު ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިދިޔަ އޮގަސްޓް މަހު ބޭރަށް ހިންގުމާ އެކު ހޮޑުލެވޭތީ 919 މީހަކު ރިޕޯޓް ކޮށްފައި ވާއިރު ސެޕްޓެމްބަރު މަހު ރިޕޯޓް ކުރީ އެންމެ 767 މީހެކެވެ.

ހަމައެއާއެކު، މިއަހަރު ފުރަތަމަ 3 މަސްދުވަހާ އަޅާބަލާއިރު މިއަހަރު އޭޕްރީލް މަހުން ފެށިގެން އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް ޖުލައި މަހުން މި އަދަދު ކޮންމެވެސް ވަރަކަށް މައްޗަށް ގޮސްފައި ވާތީ އަރިދަފުސް ރޯގާއިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ. މިދިޔަ އޮގަސްޓްމަހު އަރިދަފުސްރޯގާ ޖެހިގެން 2967 މީހަކު ރިޕޯޓް ކޮށްފައި ވާއިރު ސެޕްޓެމްބަރު މަހު ރިޕޯޓް ކުރީ 3154 މީހެކެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަކީ ވެސް ރޯގާއެކެވެ. މި ނުރައްކާތެރި ރޯގާއިން ސަލާމަތް ވުމަށްޓަކައި، އަތްދޮވުމާއި މާސްކު އެޅުން ފަދަ މުހިންމު ފިޔަވަޅުތައް އަޅަން ޖެހޭ އިރު، މިއީ އެހެން ބަލިތަކުން ވެސް ރައްކާތެރި ވުމަށް ވަރަށް ބޮޑަށް އެހީވެދޭ ކަމެކެވެ. މިހާތަނަށް ރާއްޖެއިން 10943 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ.