ގެސްޓުހައުސް ހިންގާ ރަށެއްގައި ކަރަންޓީން ވިޔަސް ބޭރަށް ދެވޭނެ ބައެއް ހާލަތުތައް ބަޔާންކޮށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީގެ) ސްޕޯކްސް ޕާސަން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ރަށްރަށުގައި ގެސްޓްހައުސްތައް ހުލުވާލަން ނިންމާފައި ވާއިރު، ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުގައި ކަރަންޓީންވާ ފަރާތަކަށް ވަކި ހާއްސަ ހާލަތްތަކެއްގައި ބޭރަށް ދެވޭނެ ކަމަށެވެ.

އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ ގެސްޓް ހައުސް ހުޅުވުމުގެ ގައިޑްލައިނަށް ގެނައި ބަދަލުގައި، ގެސްޓް ހައުސް ހުންނަ ރަށްރަށުން ގެސްޓް ހައުސް ނެތް ރަށްރަށް، ދަތުރު ކުރުމުގައި އުސޫލުތަކެއް އެކުލަވާނެ ކަމަށެވެ. ޓޫރިޒަމްގެ ގައިޑްލައިން އަލުން ރިވައިޒް ކުރެވި އުސޫލާ އެއްކޮށް މިހާރު އާންމު ކޮށްފައި ވާނެ ކަމަށާއި އެގޮތުން ރަށުގައި ދިރިއުޅޭ އަދި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތުގެ ގައިޑްލައިނެއް ވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޓޫރިސްޓް ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށަކުން ގެސްޓް ހައުސްއެއް އޮޕްރޭޓް ނުކުރާ ރަށަކަށް ދާނަމަ ކަރަންޓީން ނުކޮށް ކުރެވޭނެ ކަމެއްގެ ގޮތުގައި ފާހަގަ ކޮށް ގައިޑްލައިނަށް ގެނައި ބަދަލުގައި ކުރެވޭނެ ކަމަށް ބުނާ ބައެއް ކަންތައް ތަކަކީ ސިއްހީ ހިދުމަތެއް ހޯދަން ދިއުމާއި އާއިލާ މެންބަރަކު ބަލިވެގެން ޒިޔާރަތް ކުރުމަށާއި ބެންކް ގެ ހިދުމަތެއް ހޯދުމަށާއި ރަށުގައި ހައްދާ ތަކެތި ނޫނީ ޒަރޫރީ ބޭނުންތަކުގެ ތަކެތި ވިއްކުމުގެ އިތުރުން ބައެއް ހާލަތްތަކުގައި ކޯޓަށް ހާޒިރުވުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގެސްޓް ހައުސް ހުޅުވުމުގެ ގައިޑްލައިނަށް ގެނައި ބަދަލުގައި ރަށުގަ ދިރިއުޅޭ އަދި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތުގެ ގައިޑްލައިނެއް ވާނެ. މިވަގުތު ޓޫރިސްޓް ގެސްޓްހައުސް އޮޕަރޭޓް ކުރާ ރަށަކުން ގެސްޓް ހައުސްއެއް އޮޕްރޭޓް ނުކުރާ ރަށަކަށް ދާނަމަ ކަރަންޓީން ނުކޮށް ކުރެވޭނެ ކަންތައް ތަކަކީ މިސަލަކަށް ސިއްހީ ހިދުމަތެއް ހޯދަން، އާއިލާ މެންބަރަކު ބަލިވެގެން ޒިޔާރަތް ކުރުމަށް، ބެންކް ގެ ހިދުމަތެއް ހޯދުމަށް، ރަށުގަ ހައްދާ ތަކެތި ނޫނީ ޒަރޫރީ ބޭނުންތަކުގެ ތަކެތި ވިއްކުމަށް ، އަދި ބައެއް ހާލަތްތަކުގަ ކޯޓަށް ހާޒިރުވުމަށް
ޑރ. ނަޒްލާ

މީގެ އިތުރުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ގެސްޓްހައުސް އޮޕަރޭޓްކުރާ ރަށްތަކުގައި މާސްކް އެޅުން މަޖުބޫރު ކުރުމާ ގުޅޭ އެންގުން ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށެވެ.

މިހާރު އާންމު ކޮށްފައިވާ ގައިޑްލައިންގައި ބުނާ ގޮތުން ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ރަށްރަށުގެ ކައުންސިލްތަކުންނާއި ގެސްޓްހައުސް ތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކައުންސިލްތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އެރަށެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހުރުމާއި އެރަށެއްގައި ކޮވިޑް ޓާސްކްފޯހެއް އޮންނަން ޖެހުމުގެ އިތުރުން މީހަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ރީޖަނަލް ކޮވިޑް ފެސިލިޓީއަށް ގެންދާނެ ޓްރާންސްޕޯޓް ހިދުމަތް ހަމަޖެހިފައި އޮތުން އަދި ފްލޫ ކްލިނިކެއް ހުރުމާއި ހެލްތު ސެންޓަރުގައި އައިސޮލޭޝަން ރޫމެއް ހުރުން ހިމެނެއެވެ.

އަދި 500 އަށްވުރެ ގިނަ އެނދު ހުންނަ ރަށްތަކުގައި މީހުން އެކަހެރިކުރާނެ 15 ކޮޓަރި، 100 އާއި 500 އާދެމެދުގެ އެނދު އޮޕަރޭޓް ކުރާ ރަށްތަކުގައި އަށް ކޮޓަރި އަދި 100 އެނދު ހަމަނުވާ ރަށްތަކުގައި މީހުން އެކަހެރި ކުރާނެ ފަސް ކޮޓަރި ހުންނަން ޖެހޭނެއެވެ.

ބުރާސްފަތި ދުވަހު އަތޮޅުތެރޭގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް، މާލެ ސަރަހައްދުތަކުގެ ގެސްޓްހައުސްތައް ނުހުޅުވޭނެއެވެ.