ހުޅުމާލެ ކައިރީ އޮތް ބޯޓަކުން 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ބޯޓަކުން 100 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ މިއަދު އަތުލައިގެން ތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި މެތަންފެޓަމިން ކަމަށެވެ. ސީޕީ ހަމީދު ވިދާޅުވީ، މަސްތުވާ ތަކެތީގެ ވަގުފާރިއަކީ މުޖްތަމައަށް އިޖްތިމާޢީ ގޮތުންނާ އިޤްތިސޯދީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ކަމަށާ މިފަދަ ވަގުފާރިތައް ހުއްޓުވުމަށް ފުލުހުންގެ އިދާރާއިން ކެނޑިނޭޅި މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

މިއަދު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އެއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

އެ އޮޕަރޭޝަނުގައި ޖުމްލަ 16 މީހަކު ހައްޔަރުކުރިއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.