އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރުމުގެ އަމާޒަކީ، މާދަމާގެ އިސް މަގާމުތަކުގައި އަންހެނުން އިތުރު ކުރުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިފަދައިން ބުނީ، މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ނޫސް ބަޔާނުގައެވެ. މިއަހަރުގެ ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަ ކުރުމަށް އދ އިން ކަނޑައަޅާފައި ވާ ޝިއާރަކީ "މައި ވޮއިސް: އަވާ އީކުއަލް ފިއުޗާ"އެވެ.
މި ޝިއާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހާއި، ހަމަހަމަ ފުރުސަތުތައް ފޯރުކޮށް ދިނުމަށް ބާރުއެޅުމުގެ މުހިއްމު ކަމާއި، ހަދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުސަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަ ކަމަށް ވާސިލުވާ ސިޔާސަތު ތަކަށް ވުމެވެ. މިއީ ޖެންޑާ އީކުއަލިޓީ ގާނޫނުންވެސް، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުންވެސް ބާރު އަޅާ ކަމެެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މައިގަނޑު މަސައްކަތްތައް އަމާޒުވެފައި ވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާ މެދު ދެކޭގޮތް ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ގާބިލުކަން ހުރި ކުއްޖެއް ކަމާއި، މާދާމާގެ އިސް މަގާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތް ތަކަކީ އިސްކަން ދީގެން މި އެ މިނިސްޓްރީން ކުރަމުން ދާނެ މަސައްކަތަކެއް ކަމަށް ވެސް ބުނެއެވެ.
މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އދ އިން ކަނޑައަޅާފައި ވަނީ ޑިސެންބަރު 19، 2011 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރި ކުރުވުމެވެ. އަދި އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުސަތު ހޯދައިދިނުމެވެ.