ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު، 7 މިލިއަންގެ ފާހަގަ ހުރަސްކުރި 2 ވަނަ ގައުމަކަށް އަވަށްޓެރި އިންޑިއާ ވި ކަމުގައި ވީ ނަމަވެސް، އެގައުމުގައި މި ބަލި ފެތުރެމުން އަންނަ ނިސްބަތް ދަށްވަމުން އަންނަ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7051543 އަށް އަރާފައި ވާއިރު، އިންޑިއާއަށްވުރެ ގިނަ ކޭސް ރެކޯޑް ކުރި އެމެރިކާއިން މިހާތަނަށް ރިޕޯޓް ކޮށްފައި ވަނީ 7945505 ކޭހެވެ.

އިންޑިއާއިން 7 މިލިއަން ކޭހުގެ ފާހަގަ ހުރަސްކުރީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކަމަށްވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު، 6 މިލިއަން ފާހަގަ ހުރަސް ކުރީވެސް ހޮނިހިރު ދުވަހުއެވެ. އިންޑިއާގައި މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 868309 ކޭހެކެވެ.

ފާއިތުވީ ދޮޅު މަހެއްހާ ދުވަހަށް ބަލާއިރު އިންޑިއާއިން ރެކޯޑް އަދަދުތަކުން ކޭސް ރިޕޯޓް ކުރި ކަމުގައި ވީ ނަމަވެސް، ފާއިތުވީ 9 ވަރަކަށް ދުވަހަށް ބަލާއިރު، ކޭސް ރިޕޯޓް ކުރި މިންވަރު، ދުވަހަކަށް ވުރެ ދުވަހެއް، މެދު ނުކެނޑި ދަށަށް ގޮސްފައި ވާ ކަން، އިންޑިއާގެ މީޑިއާއިން ފާހަގަކުރެއެވެ. އެގޮތުން 800000 އަށްވުރެ ދަށުން ކޭސް ރެކޯޑް ކުރާތާ، ވިދިވިދިގެން 8 ދުވަސް ފާއިތުވެފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިލިއަނުން ފާހަގަ ހުރަސް ކުރަން އިންޑިއާއަށް ބޭނުންވި މުއްދަތު

  • ކޭސް 1 – 1 މިލިއަނަށް: 168 ދުވަސް
  • 1 މިލިއަނުން – 2 މިލިއަނަށް: 21 ދުވަސް
  • 2 މިލިއަނުން – 3 މިލިއަނަށް: 16 ދުވަސް
  • 3 މިލިއަނުން – 4 މިލިއަނަށް: 13 ދުވަސް
  • 4 މިލިއަނުން – 5 މިލިއަނަށް: 11 ދުވަސް
  • 5 މިލިއަނުން – 6 މިލިއަނަށް: 12 ދުވަސް
  • 6 މިލިއަނުން – 7 މިލިއަނަށް: 13 ދުވަސް

ކަން މިހެން އޮތްއިރު، މި ބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދުވެސް ކޮންމެވެސް ވަރަކަށް މަޑުޖެހެން ފަށާފައި ވާ ކަމަށް އިންޑިއާއިން ޚަބަރު ދެއެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 108371 އަށް އަރާފައެވެ.