އައްޑޫ ފްލައިން ސްކޫލް ދަރިވަރުންގެ މައްސަލަތައް ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އެ ސްކޫލުގެ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލަތަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫ ފްލައިން ސްކޫލުގެ ދަރުވަރިވަރުންނަށް ދިމާވެގެން އުޅޭ ދަރިތަކާ ގުޅިގެން މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކުރައްވާފައި ވާ ކަމަަށާއި އެ ދަރިވަރުންނަށް ދިމާވެގެން އުޅޭ މައްސަލަތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ފްލައިންގް ސްކޫލާ ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުން ތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސިވިލް އޭވިއޭޝަން އޮތޯރިޓީގައިވެސް އެކަން ބަލައިދިނުމަށް އެދިވަދައިގެންފައި ވާނެ ކަމަށާއި އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދެއްވާފައި ވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާ އެކި ފަހަރު މަތީން ހިއްސާކޮށް، ހައްލު ހޯދައި ދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށާއި އެއްމެ ފަހުން އެ ސްކޫލާ ބައްދަލު ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 27ގައި ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި ދިން ޖަވާބަކީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށް ވުރެ ގިނަ ދަރިވަރުން ނެގިކަމަށާއި އެހެންނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަ ކުރުމަށް ދައްޗެއް ދިމާ ނުވާނެ ކަން ކަމަށް މިނިސްޓަރު ވިދާޅުވެއެވެ. އެ މިނިސްޓްރީއަށް ލިބޭ ޝަކުވާއިން އެއީ ތެދު މައުލޫމާތު ކަމާ މެދު ޝައްކު އުފެދޭތީ، އެކަމާ ގުޅުން ހުރި ލިޔެކިޔުން ހުށަހެޅުމަށް އެފަރާތުގައި އެދިފައި ވާނެ ކަމަށާއި ނަމަވެސް، އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނެތުމުން ނިމިދިޔަ ހަފްތާގައި ވެސް އެފަރާތާ މުއާމަލާތު ކޮށް މައުލޫމާތު ހުށަހެޅުމަށް ފުރުސަތު ދެވުނު ނަމަވެސް މިއަދާ ހަމައަށްވެސް ފުރިހަމަ ލިޔެކިޔުން ހުށަހަޅާފައި ނުވާތީ، އެމައްސަލަ ބެލުމުގައި ދަތިތަކެއް އެބަހުރި ކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
އެހެންނަމަވެސް، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއިއެކުމިދަނީ މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން މިނިސްޓްރު ވަނީ ދެއްވާފައެވެ.
ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.
އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެ ސްކޫލަށް ވެސް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެ ގޮތުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް އާމްދަނީއެއް ނުލިބި އެ ސްކޫލް ހިންގަމުން ދަނީ ވަރަށް ހާލުގައި ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގައި އެއާކްރާފްޓް ދުއްވުން ވެސް މަނާކޮށްފައިވާ ކަމަށް އެފަރާތުން ބުނެއެވެ.