ދަރަނީގެ ހިސާބުތައް އެމްޑީޕީއަށް ނިސްބަތްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ބުނެފިއެވެ.
ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީއިން ކުރި ޓްވީޓެއްގައި ބުނީ ދަރަނީގެ ހިސާބު އެޕާޓީގެ މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށެވެ.
އެމްޑީޕީން މިހެން ބުނެފައިވާއިރު، އެންމެ ގިނައިން ރާއްޖެއިން ދަރަނި ދައްކަންޖެހެނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުތެރޭގައި ކަމަށާއި ސަރުކާރުގައި އާމްދަނީއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މިއަދެވެ.
ރައީސް ނަޝީދު ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އަދި 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ނަގާފައިވާ ގިނަ ދަރަނި ތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، ދައްކަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އަދި މި ވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށާއި، އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު ކަމަށެވެ. އެހެން ކަމުން މިއަދުގެ ހާލަތަށް ރިއާޔަތްކޮށް އެންމެ ބުއްދިވެރިގޮތް ކަމަށް ފެނިވަޑައިގަންނަވަނީ 2012 އާއި 2018އާ ދެމެދު ނަގާފައިވާ ދަރަނިތައް އިތުރު ޖޫރިމަނާއަކާ ނުލައި ރީސްޓްރަކްޗާ ކުރުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ 74 ބިލިއަނަށް އަރާފައެވެ. އަދި ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރައެވެ.
ޖީ-20ގެ ގައުމުތަކަށް ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ދެއްކުން ވަނީ މިއަހަރުގެ ނިޔަލަށް ފަސްކޮށްފައިވާއިރު، އެ މުހުލަތު އަންނަ އަހަރުގެ ނިޔަލަށް ދިގު ދަންމާލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ވޯލްޑް ބޭންކުގެ ލީޑަރު ޑޭވިޑް މަލްފާސް ވެސް ވަނީ ގޮވާލައްވާފައެވެ. އަދި އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ބައެއް ގައުމުތަކަށް ދަރަނި ދެއްކުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ގައުމުތައް އިތުރަށް ދަރަނިވެރި ވިޔަ ނުދިނުމަށް ކުރެވޭނެ ކަމަކީ ދަރަނި ދެއްކުން ލަސްކުރުން ނުވަތަ ލުއި ގޮތްތަކެއް ހޯދައި ދިނުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.