އައްޑޫގައި ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މީހުންގެ ތެރެއިން އިތުރު 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) އާއި ސ ހިތަދޫ/ބުލޫބާޑް، ހޫދު ލަތީފް (24އ) އަދި ސ ހިތަދޫ/މަންދޫބުގެ، ހުސައިން ސިމާހު (27އ)އަށެވެ. މީގެ ކުރިން ވަނީ 2 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެއީ ސ ހިތަދޫ/ފިނިފަރު، އަބްދުﷲ އިބްރާހިމް (33އ) އަދި ސ ހިތަދޫ/ކޯޅި، މުހައްމަދު ޔާމީން ނަސީރު (23އ) އެވެ.

މިމީހުންގެ ތެރޭގައި ހިމެނޭ ސ ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އަކީ މިމައްސަލައާ ގުޅިގެން އޮކްޓޫބަރު 7 ވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެކެވެ. އަދި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ.

އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފަހުން ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 5 އަދި 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ 8 މީހަކު ވަނީ ދޫކޮށްލާފައެވެ.

އައްޑޫ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ ސ.ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހީމް (33 އަހަރު) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނައަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެއީ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޒަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޒަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ އެއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމްޑީއެމްއޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނެއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރި ވެފައި ވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ އަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައި ވަނިކޮށް 2019 ސެޕްޓެމްބަރު 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެކެވެ. އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

އެއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުން ފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާއި ހިއްސާކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.