ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރަށް ކުރާ ދައުވާގެ އަޑުއެހުން މާދަމާ މެންދުރު ފަހު 01:30 އަށް ތާވަލު ކޮށްފިއެވެ.
އާޒިމާއަށް ކުރާ ދައުވާގެ އަޑުއެހުން މީގެ ކުރިން ތާވަލު ކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެދުވަހުގެ އަޑުއެހުމުގެ ކުރިން އާޒިމާ ވަނީ ކޯޓަށް ސިޓީއެއް ފޮނުއްވާފައެވެ. އެސިޓީ އޭނާ ވަނީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
އެކަމަށް ދެކޮޅު ނަހަދާ މައްސަލަ ބައްލަވައި ގާޒީ ވަނީ އާޒިމާއަށް އެ ފުރުސަތު ދެއްވައި އެ މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލު ކުރައްވައިފައެވެ.
އާޒިމާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ. ކުރިމިނަލް ކޯޓުގައި ކުރިއަށް ދާ މި ޝަރީއަތުގެ އެންމެ ފަހު އަޑުއެހުމުގައި ހެކީގެ ގޮތުގައި ރައީސް ޔާމީނުގެ ނަންފުޅުވެސް ދައުލަތުން ހުށަހަޅަފައި ވެއެވެ. ޔާމީންގެ ވަކީލުކަން ވެސް ކުރިން ކުރެއްވި އާޒިމާއާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޔާމީންގެ ނަންފުޅު ހުށަހަޅާ ވާފައިވާ އިރު، އާޒިމާގެ މައްޗަށް ޖިނާއީ ދައުވާ އުފުލާފައި ވަނީ ވެސް ރައީސް ޔާމީނަށް ތުހުމަތުވާ މަނީ ލޯންޑަރިންގެ މައްސަލައާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނެފައި ވަނީ އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށް ދެއްވާފައި ވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. އަދި އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ ކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ.