ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު، އަލުން ބޯޑަރު ހުޅުވާލި ފަހުން 24،000 ޓޫރިސްޓް އެނދު އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކޮށްފައި ވާއިރު ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށާއި އެއީ 223 ތަނަކުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 22،007 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. ބޯޑަރު ހުޅުވާލައި ޖުލައި މަހުގެ ތެރޭގައި 1،752 ފަތުރުވެރި އައިސްފައި ވާއިރު އޯގަސްޓު މަހުގައި 7،628 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ވަނީ 3،140 ފަތުރުވެރިން އައިސްފައެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓު ތަކަށާއި ސަފާރީ ތަކަށެވެ. އަދި މިމަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓް ކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.