އިންޑިއާއާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުން ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ އެ ދިދައިގައި މިހާރު އެވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ އެ ބާވަތުގެ މުއާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ. އަދި ދިވެހިން އެކަމަށް ވިސްނާލުމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު މިވާހަކަ ދައްކަވާފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅު އަޑުތައް ގަދަވުމުން އެކަމުން ފާޑުވިދާޅުވުގެ ގޮތުންނެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށާއި އެ މީހުން ރާއްޖެއިން ބޭލުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ. އެކަމާ ގުޅިގެން ބާއްވާ އެއެއްވުންތަކުގައި ކަޅު ފޮތިގަނޑެއްގައި "އިންޑިއާ އައުޓް" ޖަހައި ނަގާފައިވާ ދިދަތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން އެކަމާ ކަންބޮޑުވެގެން ދިވެހި ރައްޔިތުން ނޫޅޭ ކަމަށް މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ކޮންމެ ގައުމެއްގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތެރެއިން އެހެން ގައުމުތަކުގެ ސިފައިން ތިބުމަކީ ހިނގާ ކަމެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.