ރައްޔިތުން ދެން މާ ގިނަ ދުވަހަކު ހަނު ނުތިބޭނެ ކަމަށާއި، ރައްޔިތުންގެ ހައްގުތަށް ހޯދުމަށް ނިކުންނާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނދުމަފުޅު ބެހެއްޓެވުމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައްވައިފިއެވެ.
އޭނާ މިހެން ގޮވާލެއްވީ މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އަދުރޭ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާ ގުޅިގެން އަދުރޭ ވިދާޅުވީ އެ ހުކުމުން ވެސް ހާމަވެގެން ދަނީ ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމުގައި އޮތްހާ ހިނދަކު ރާއްޖޭގެ ކޯޓުތަކުން އިންސާފުވެރި ހުކުމެއް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ކޯޓުތަކަށް ސަރުކާރުން ވަނީ އަތްފައި އަދި ދޫވެސް ލައިފައި ކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައްޔިތުން ހަނު ތިބޭ ދުވަސް ކުޑަތަން ވެއްޖެ ކަމަށެވެ. އަދި ކުރިއަށް އޮތީ ގައުމީ ދުވަހާއި ނަސްރު ދުވަސް ކަމަށާއި، އެހެންކަމުން އެ ދުވަސްތަކުގައި ދިވެހި ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށް ނިކުންނާނެ ކަމަށެވެ. އަދި މި ގައުމު އަޅުވެތިވުމަށް ޖާގަ ނުދެއްވާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޔަގީންކޮށްދެއްވި ޝަހީދު ހުސެއިން އާދަމާއި، ދޮން ބަންޑާރައިން ފަދަ ބޭބޭފުޅުން އަދިވެސް މިގައުމުގައި އެބަތިއްބެވި ކަމަށެވެ.
އޭނާ ވަނީ ރާއްޖޭގައި ތިބި އެހެން ގައުމުތަކުން ސިފައިން ރާއްޖެއިން ބޭލުމަށް ވެސް ގޮވާލާފައެވެ. އަދި ރާއްޖެ ހިފުމަށް އެހެން ގައުމަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ތުހުމަތު ކުރައްވާ އަދުރޭ ވަނީ އެ މަސައްކަތް ހުއްޓާލުމަށް އެ ގައުމުގެ ބޮޑުވަޒީރަށް ވެސް ގޮވާލައްވާފައެވެ.
ގައުމީ ދުވަހާ ނަސްރުގެ ދުވަސް ކައިރިވަމުންދާ ކަން ފާހަގަ ކުރައްވާ އަދުރޭ ވަނީ އެ ދުވަސް ދުވަހު މުޒާހަރާ ކުރަން މަގުމައްޗަށް ނިކުންނަން އުޅޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
އަދުރޭ ހޭއަރަން ވެއްޖެނު. ކޯޓުން މިއަދު އެކުރި ހުކުމުން އެގިގެން އެދިޔައީ ފަނޑިޔާރުންގެ މިނިވަންކަން އޮތް މިންވަރު. ސަރުކާރުން ކޯޓުގެ މިނިވަންކަމާ ނުކުޅޭކަން. މަގުމަށްޗަށް މީހުން ނެރެގެން ކިތަންމެ ސަކަރާތެއް ޖެއްސަކަސް ޔާމީން އެކޭވަރު އަދީބުގެ ބަހުން އެގޭ. ދެން ކޮންވާހަކައެއް.