ރ. އަނގޮޅިތީމު ބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީއާއެކު ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ސޮއިކޮށްފިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ސޮއި ކުރައްވާފައިވާއިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މިއަދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެއްބަސްވުމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. މި މަޝްރޫއު އެއްބަސްވުން ހަވާލުކޮށްފައި ވަނީ 44.7 މިލިއަން ރުފިޔާއަށެވެ.

އަނގޮޅުތީމު ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއި ކުރުން / ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މި މަޝްރޫއުގެ ދަށުން އަނގޮޅިތީމު ބަނދަރުގެ 221 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުމާއި، 91.44 މީޓަރުގެ އެއްގަމު ތޮށިލުމާއި، 12 ބަނދަރު ބައްތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1110 ސްކެއާ މީޓަތރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބްލޮކްސް ހެދުމާއި، 166 މީޓަރުގައި ރިވެންޓްމަންޓް ޖެހުމުގެ އިތުރުން 2 ނެރު ބައްތި ޖެހުން ވެސް ހިމެނެއެވެ.

މި މަޝްރޫގެ ދަސުން އަނގޮޅިތީމު ބަނދަރު 42000 ކިއުބިކް މީޓަރަށް ފުން ކުރުމަށް ހަމަޖެހިފައިވާއިރު، 615 މީޓަރަށް ނެރު ފުން ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.