މީގެ 2000 އެއްހާ އަހަރު ކުރިން ވެސޫވިއަސް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މަރުވިކަމަށް ބެލެވޭ ޒުވާން ފިރިހެނެއްގެ ސިކުނޑީގެ ސެލްތަކެއް، އިޓަލީވިލާތުގައި ދިރާސާ ކުރަމުން ދިޔަ ޓީމަކަށް ފެނިއްޖެއެވެ.

މި ސެލްތައް ފެނިފައިވަނީ، 1960ގެ އަހަރުތަކުގައި ހާރުކުލާނިއަމް ސިޓީއިން ނެގި ބައެއް ސާމްޕަލްތަކުގެ ތެރެއިންނެވެ. މި ސީޓިއަކީ ވެސުވިއަސް އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ބޭރުވި އަޅިތަކުގެ ދަށުވެ، ވަޅުލެވިފައި އޮތް ސިޓީއެކެވެ.

ސިކުނޑީގެ ސާމްޕަލްތައް ނިސްބަތް ޒުވާނާ އޮތީ ބަޔަކު އަޅުކަން ކުރަން ބޭނުން ކުރި ކަމަށް ބެލެވޭ އިމާރާތެއްގައި ހުރި ލަކުޑި އެނދެއްގައި ބަންޑުން އޮށޯވެގެން ކަމަށް ދިރާސާ ޓީމުން ބުނެއެވެ. އަދި އެ ޒުވާނާ މަރުވެފައިވަނީ އޭނާގެ އުމުރުން 25 އަކަށް އަހަރުގައި ކަމަށްވެސް ދިރާސާ ޓީމުން ލަފާ ކުރެއެވެ.

ދިރާސާ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އެންތްރޮޕޮލިޖިސްޓެއް ކަމަށް ޕިއޭ ޕައޯލޯ ޕެޓްރޯނޭ ވިދާޅުވީ، ޒުވާނާގެ ގަބުރު ކަށިގަނޑު ކައިރީގައި 2018 ވަނަ އަހަރު މަސައްކަތްތަކެއް ކުރަމުން ދަނުކޮށް، ސިކުނޑީގެ ނާށިގަނޑު ތެރެއިން، ބިއްލޫރު ޒާތުގެ ވިދުމެއް ފެނުނު ކަމަށެވެ.

މި ހިނގާ 2020 ވަނަ އަހަރުގެ ކުރީކޮޅޫ ޕެޓްރޯނޭއާއި އޭނާގެ ޓީމުން، ނިއު އިންގްލަންޑް ޖާނަލް އޮފް މެޑިސިންގައި އާންމު ކުރި ލިޔުމެއްގައިވެސް މި ޒުވާނާގެ ވާހަކަ ދައްކާފައިވެއެވެ. މި ލިޔުމުގައި ބުނެފައިވަނީ، ޒުވާނާގެ ސިކުނޑީގެ ނާށިގަނޑުގެ ތެރެއިން ބިއްލޫރި ޒާތުގެ ވިދުމެއް ފެނިފައިވަނީ، އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އާދަޔާ ހިލާފަށް ހޫނުވެފައި ވަނިކޮށް، ކުއްލި އަކަށް ފިނިވެގެން ކަމަށެވެ.

މި މަރުހަލާ އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޕެޓްރޯނޭ ވިދާޅުވީ، އަލިފާން ފަރުބަދައިން ފޭބި ހޫނު އަޅިން ސިކުނޑި ފުރަތަމަ ދިޔާވެ، ބިއްލޫރި ޒާތުގެ މާއްދާއަކަށް ބަދަލުވުމަށް، ފިނިވީކަމަށެވެ.

ޕެޓްރޯނޭ ވިދާޅުވީ، އިތުރު ހޯދުންތަކުން ފެނުނު މައުލޫމާތަށް ބަލާއިރު، މި މަރުހަލާގެ ތެރޭގައި ސިކުނޑީގެ ސެލްތައް ވަރަށް ރަނގަޅަށް ރައްކާ ކުރެވިފައި ވާ ކަމަށެވެ. ސިކުނޑީގެ ނާރުތައްވެސް ގުޅިފައި އެހުރި ގޮތަށް ހުރި ފަދައިން، މައިބަދައިގެ ކޯޑުވެސް ގުޅިފައި ހުރި ކަމަށް ދިރާސާ ޓީމުން ފާހަގަކުރެއެވެ.

މިއީ މިފަދަ ގޮތަކަށް ފެނުނު މިފަދަ ފުރަތަމަ ސެލްތަކެވެ.