އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މަސައްކަތް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި އަދިވެސް ކުރިއަށް ދާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ކުރިއަށް ނުގެންދާ ކަމަށާއި ނަމަވެސް އެމްޑީޕީގެ އެތެރޭގައި މަސައްކަތްތަކެއް ހިނގަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި އަބަދުވެސް ވަކާލާތުކުރާ ދެ ކަމެއް އޮންނަ ކަމަށެވެ. އެއީ ޖަލުތަކުގެ އަނިޔާ ހުއްޓުވުމާއި ކޮރަޕްޝަން ހުއްޓުވުން ކަމަށާއި ހެޔޮ ވެރިކަމެއް ކުރެވޭނީ ކޮރަޕްޝަން ނެތިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހަކުން ތިބާވަތުގެ މަސައްކަތެއް ހިނގާފައެއް ނުވޭ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމަށް 10 މެމްބަރުން ސޮއިކޮށްފައި ހުށަހެޅީމާ މަޖިލީހުގެ ތަޅުމުގައި އެކަން އިންތިޒާމްވެގެން ދާނެ، ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައެއް ނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ،
ރައީސް ނަޝީދު

މީގެ އިތުރު ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ނަޒަރުގައި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކަންކަން ހިނގާނަމަ ޕާޓީ އެކަންކަމާ އަޑު އުފުލާތަން ފެންނާނެ ކަމަށާއި އެކަމަށް ދެއްވާނެ އިތުރު ޖަވާބެއް ނެތް ކަމަށެވެ.

އެމްޑީޕީގެ މެންބަރުން އެ ޕާޓީގެ މެންބަރުންނާ ގުޅޭ ގޮތުންނާއި ވަޒީރުންނާއި ގުޅޭ ގޮތުން، ޕާޓީގެ އެތެރޭގެ މަޝްވަރާކޮށް، މަޝްވަރާއާ އެއްގޮތަށް އަބަދުވެސް މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި އެގޮތުން ބަހުސްވެސް ވަރަށް ގިނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައި ވާއިރު، އެމަނިކުފާނު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރުން ކުރާ ބައެއް ކަންތައްތަކަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން، އެމަނިކުފާނު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ވަކި ކުރެއްވުމަށް ވެސް މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް އޭރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާ، އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށް ވިދާޅުވެފައެވެ.