ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ހުކުމްކުރުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ ރައީސް ޔާމީންގެ އެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މާދަމާ މެންދުރު 1:00 އަށް ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ މާދަމާއަށް ތާވަލް ކޮށްފައި ވަނީ ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގެ ހުކުމް ކުރުން ކަމަށެވެ.

އެ މައްސަލައަށް ހުކުމް ކުރުމަށް މާދަމާއަށް ތާވަލް ކޮށްފައިވާއިރު، އެންމެ ފަހުން އެ މައްސަލައިގެ ޝަރިއަތެއް ބާއްވާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.

އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނިކޮށް އެ އަމުރު ހައި ކޯޓުން ބާތިލް ކުރި މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތާއި ފުލުހުންނަށް ވަނީ އަމާޒު ކޮށްފައެވެ.

އެގޮތުން އެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުފގައި ދައުލަތުން ވަނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ލޯންޑަކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާތީ އެގޮތަށް އެދެވިދާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހެވެ. އެ އަމުރުގައި ބުނެފައި ވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުުން ވަނީ އެ އަމަރު ބާތިލުކޮށްފައެވެ. ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. އެހެންކަމުން، ދައުލަތުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވާއިރު، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މި މަހުގެ 1 ވަނަ ދުވަހު ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.