އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލިސްގައި އެޖެންޑާ ނުކޮށް ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޝިޔާމް އެދިވަޑައިގަންނަވާ ތަފުސީލުތައް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކަށް އޮންނަ 241 ކޮމިޓީ މެދުވެރިކޮށް ހޯއްދަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލާގައި ފާހަގަކޮށްފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުތަކުން ފެށިގެން ހިނގަމުން އަންނަ އެއްބަސްވުން ތަކެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުންތަކުގައި "ކުއްލި މައްސަލަ" ނެތް ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝިޔާމްގެ ހުށަހެޅުއްވި މައްސަލައިގެ ކަރުދާހުގައި ވަނީ ދިވެހިރާއްޖެއާއި އިންޑިޔާއާ ވެފައިވާ އެކިއެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫއަރާފަދަ ކަންތައްތަކެއް ކުރިމަތި ވެދާނެ ކަމަށް ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމަށާއި ބޭރު އެއްވެސް ގައުމެއްގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހި ލޮބުވެތި އެއްވެސް ރައްޔިތުން ބޭނުން ނުވާ ކަމެއް ކަމަށެވެ.

އެގޮތުން އިންޑިޔާގެ ހެލިކޮޕްޓަރުތައް ދުއްވަން 50އަށް ވުރެ ގިނަ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމާއި، އެހެލިކޮޕްޓަރުތައް ދުއްވަން 10 އަހަރު ތެރޭގައިވެސް ދިވެހި ޕައިލެޓުން ތަމްރީން ކޮށްފައި ނުވުމުން އެއެއްބަސްވުންތައް މިހާރު އޮތް ގޮތުގެ ތަފްސީލު ހޯދުމަށް ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހދ. ހަނިމާދޫ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު އިންޑިޔާ ސަރުކާރުން ކުރާ ގޮތަށް އެއްބަސްވެފައި ވުމާއި، އަދި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމް އެއް އަޅަން ނިންމާފައި ވާކަން އިންޑިޔާއިން ހާމަކޮށްފައި ވާއިރު މިހާ ބޮޑު ހޭދައެއް ކޮށްގެން ކްރިކެޓް ސްޓޭޑިއަމް އެއް ރާއްޖޭގައި އަޅަން ޖެހުނީ ކީއްވެކަން ރައްޔިތުން ސާފުކުރަން ބޭނުންވާ ކަމަށް އެ މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ޑޯނިއާ މަތިންދާބޯޓު ދުއްވާ މަރާމާތު ކުރަންވެސް އިންޑިޔާގެ އެތައް ސިފައިންނެއް ރާއްޖޭގައި ހަރަކާތްތެރި ވުމަށް ހަމަޖެހިފައި ވުމާއި، އެއެއްބަސްވުމުގައި ޝަރުތު ކޮށްފައި ވަނީ ކޮންކަމެއް ކަން ހާމަކޮށްފައި ނުވުމާއި، އައްޑޫ ސިޓީގައި ގާއިމް ކުރާ މަރުކަޒާ ގުޅިގެންވެސް މިހާރު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުން ތަކެއް އޮތްކަން އެ މައްސަލައިގައި ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެހެންމެ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިޔާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯނެއް ދީފައި ވާއިރު، މިލޯނުގެ ތަފްސީލެއް ވެސް ހާމަކޮށްފައި ނުވާ ކަމަށާއި މިސަރުކާރުން ވެރިކަމާ ހަވާލުވެ، އިންޑިޔާއާއެކު ވެފައިވާ އަދި އާ ކޮށްފައިވާ އެއްވެސް އެއްބަސްވުމެއްގެ ތަފްސީލް މިހާތަނަށް ހާމަ ކޮށްފައި ނުވާ ކަން ވަނީ ފާހަގަ ކޮށްފައެވެ. އެ ތަފުސީލުތައް ހާމަކުރުމަށް އެ މައްސަލައިގައި ވަނީ އެދިފައެވެ.