ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ، އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދޭ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ބިރެއް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ބުނީ މި ސަރުކާރުން ހުށަހަޅަން ގަސްތުކޮށްފައިވާ ބިލުގެ މަގްސަދަކީ ނޫސްވެރިކަމަށް ހުރަސްއެޅުން ނޫން ކަމަށާއި ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ސަރުކާރުގެ ވިސްނުމަކީ މިހާރު ވެސް އޮންނަ ގޮތަށް އަބުރާ ބެހުމުން ގެއްލުމުގެ ބަދަލު ނަގައިދިނުން މަދަނީ ކުށެއްގެ ގޮތަށް ބިލް ފަރުމާކުރުން ކަމަށެވެ.

އަލަށް ހުށައަޅާ އެ ބިލަކީ، ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި މީޑިއާތައް ޖޫރިމަނާ ކުރުމަށް ބޭނުންކުރި، އަދި މިސަރުކާރުން އުވާލި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ މުޅިން ތަފާތު ބިލެއް ކަމަށް އޭޖީ ބުނެއެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އާއްމު ގާނޫނުތަކުގެ ތެރޭގައި ހިމެނިގެން މިހާރުވެސް އަމަލުކުރަމުން ދާ ގަވާއިދަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށާއި އެބިލު ގާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާ ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ އެބިލުގެ ދެލިކޮޕީ ތައްޔާރު ކުރުމުގެ މަސައްކަތް ކަމުގައިވެސް އޭޖީ އޮފީހުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅަން ގަސްތުކުރާ 28 ބިލުގެ ތެރޭގައި އަބުރުގެ ބިލް ހިމަނާފައި ވާއިރު އެ ބިލްގެ މަގްސަދާ މެދު މީޑިއާތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ.