އައްޑޫ ސިޓީގެ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެއް ދުވަސް ތެރޭ މައިބަދައިގެ ފަސް އޮޕަރޭޝަނެއް ކޮށްފިއެވެ.

އޭއީއެޗުން ބުނީ މައިބަދައިގެ ފަސް އޮޕަރޭޝަނެއް ކޮށްފައި ވަނީ އިއްޔެ ކަމަށާއި އެ ފަސް އޮޕަރޭޝަން ވެސް ވަރަށް ކާމިޔާބު ކަމަށެވެ.

އެ އޮޕަރޭޝަން ކުރުމުގައި ބައިވެރި ވެފައި ވަނީ ތިނަދޫ އާއި ފުވައްމުލަކުގައި ވެސް މައިބަދައިގެ އޮޕަރޭޝަން ކޮށްފައިވާ ޑރ. ޔޫސުފް ޝާން އާއި ޑރ. ހާޒިމާއި ޑރ. މުހައްމަދު މުންޝިދުގެ ޓީމުން ކަމަށް އޭއީއެޗުން ބުނެއެވެ.

އޭއީއެޗް ގައި ފުރަތަމަ ފަހަރަށް މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައި ވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހެވެ.

އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު ދާދިފަހުން އެ ހޮސްޕިޓަލުގައި ވަނީ ފުރަތަމަ ފަހަރަށް ނިއުރޯ ސާޖަރީއަކާއި އުކުޅުވަޅުގެ ހުޅު ބިންދައިގެން ދިޔަ މީހެއްގެ ކަށިގަނޑު ތެދުކުރުމުގެ އޮޕަރޭޝަނެއް ވެސް ކާމިޔާބު ކަމާއެކު ކޮށްފައެވެ.

އޭއީއެޗް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ގައިއެވެ.