މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް ދޫކުރާ ޑޮލަރު މިންވަރު އިތުރުކޮށް، މި އަހަރު ނިމެންދެން އެގޮތަށް އަމަލުކުރަން ނިންމައިފިއެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް-19އާ ގުޅިގެންއައި ކުއްލި ހީނަރުކަމުގެ ސަބަބުން ގައުމަށް ވަންނަ ޑޮލަރު މަދުވުމުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވި ޕްރެޝަރުތައް ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން ކުރިން ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ އިތުރުން ޒަރޫރީ ބޭނުންތަކަށް މުދާ އިމްޕޯޓްކުރުމަށްޓަކައި އިތުރު ޑޮލަރު ބޭންކުތައް މެދުވެރިކޮށް ދަނީ ދޫކުރަމުން ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައި ކަމަށެވެ.

ނަމަވެސް އިގްތިސާދު ކުރިއަރަމުން އަންނަކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަމުންދާ ކަމަށް އެމްއެމްއޭން ފާހަގަކޮށްފައި ވެއެވެ.

ކޮވިޑް 19 ގެ ސަބަބުން ދިމާވާ އިގްތިސާދީ އަދި މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް މިހާތަނަށް 354 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކަށާއި ސަފާރީ ތަކަށެވެ. އަދި މިމަހުގެ 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

އްޖޭގެ ބޯޑަރު ހުޅުވުމާއި ގުޅިގެން ރާއްޖެ އަށް ވަނީ 18867 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަހުންމަހަށް އިތުރުވަމުން ދާއިރު، އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން އެވްރެޖްކޮށް ޖުލައި މަހު 100 ފަތުރުވެރިން އައި އިރު، އޮގަސްޓު މަހު 218 އަދި ސެޕްޓެމްބަރު މަހު 318 ފަތުރުވެރިން ވަނީ އައިސްފައެވެ.