15 އަހަރުގެ ފިރިހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއްގައި، ހައްޔަރުކުރި ދެމަފިރިންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހު 3 ވަނަ ދުވަހުގެ ހަވީރު 04:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގެ ތުހުމަތުގައި 29 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައި ވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހެން ބުނެފައި ވާއިރު، އެ ދެމީހުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑީއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމު ވެފައެވެ.
ފުލުހުން ބުނީ، މި ދެމަފިރިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަަށް ގެންދިއުމަށް 7 ދުވަސް ދީފައިވާ ކަމަށެވެ.
މި މައްސަލާގައި އިއްޔެ ހަވީރު ޒުވާނުންތަކެއް ވަނީ އެމީހުން އުޅޭ ގެ ކައިރިއަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ. ހަމަ އެވަގުތު އެދެމީހުން ފުލުހުންގެ ވެހިކަލްގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެކަމާ ގުޅިގެން އިއްޔެ ހަވީރު ފުލުހުން ބުނީ އަމިއްލަ ރައްކާތެރި ކަމަށް އެދުނު ދެ މީހަކު ފުލުހުންގެ ވެހިކަލެއްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވާ ކަމަށެވެ.
މައުލޫމާތު ލިބޭގޮތުގައި އެއީ ދިވެހި ފިލްމީ ތަރިއަކާ އޭނާގެ އަންހެނުންނެވެ. އެހަބަރު ފެންމަތި ވުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެދެމަފިރިންނަށް ފާޑުކިޔަމުންނެވެ. އެ ދެ މީހުންގެ ދަރިފުޅަށް ބޭނުންވާ ސިއްހީ ފަރުވާއަށް އާންމުންގެ ފަރާތުން ލާރި ހޯދާ، އެ ލާރިއަށް އެމީހުން އެހެނިހެން ހަރަދުތަކެއް ކުރި ކަމަށް ބުނެ މީގެ ކުރިން ވެސް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އެ މީހުންނަށް އަމާޒު ވެފައެވެ.