ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި 2 މެމްބަރުން ކޮވިޑާ ގުޅިގެން ގޭގައި ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި އީވާ ވިދާޅުވީ މަޖިލީހުގެ ތިން މެމްބަރަކު މިވަގުތު ގޭގައި ތިއްބެވި ކަމަށެވެ. އަދި އެއް މެމްބަރަކު ލޮކްޑައުންގައި ހުންނެވި ކަމަށް އީވާ ވިދާޅުވިއެވެ.
އެގޮތުން ނަޝީދު ކަރަންޓީންގައި ހުންނެވީ އިނގިރޭސިވިލާތުން އެނބުރި ވަޑައިގެންނެވުމާ ގުޅިގެންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
ރާއްޖެއިން ބޭރުން އަންނަ ކޮންމެ ފަރާތެއް ވެސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭ އިރު، ނަޝީދުގެ އެ މުއްދަތު މާދަމާ ހަމަވާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ އައިސޮލޭޝަނުގައި މަޑުކުރައްވާފައެވެ.
މިހާތަނަށް މަޖިލިސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް މަޖިލީހުގެ ތިން މުވައްޒަފަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާ ގުޅިގެން މަޖިލީހުގެ އިދާރާ ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މެންބަރުން ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އަދި މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުންވެސް ތިބެނީ މާސްކު އަޅައިގެންނެވެ.