ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ކޮށްފިއެވެ.

ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ދަރިވަރުންގެ އެތައް ޝަކުވާތަކެއް ސްކޫލްގެ މެނޭޖްމަންޓާ ވަނީ ހިއްސާކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.

އިމްތިހާންތައް ހަދާ ނިމިފައި ތިބި ގިނަ ދަރިވަރުންތަކެއް ތިބި އިރު 8 ކަރުދާސް ފުރިހަމަ ކުރާ ދަރިވަރުންނަށް ކޮންމެ ހަތަރު ދުވަހަކުން ޕްރެކްޓިކަލްގެ ގޮތުގައި އެއާކްރާފްޓް އުދުއްސަން ދިނުމަށް ކަނޑައަލަފައި އޮންނަ ކަމަށް އެ ސްކޫލާ ހަވާލާދީ ދަރިވަރުން ބުނެއެވެ. ނަމަވެސް ހުރިހާ އިމްތިހާނެއް ނިމުނު އިރުވެސް ކޮންމެ 4 ދުވަހަކުން ހަމަޖައްސައި ދިނުމަށް ބުނި އުދުއްސުމުގެ ގަޑިތައް ހަފްތާތަކަށް ދިގު ދެމިގެން ގޮސްފައިވާ ކަމަށް ދަރިވަރުން ބުނެއެވެ.

މިހާރު ފްލައި ކުރަން (ބޯޓު އުދުއްސަން) ފުރުސަތު ލިބެނީ އެވްރެޖްކޮށް ބަލާނަމަ ކޮންމެ 15 ދުވަހަކުން ކަމަށް އެ ދަރިވަރުން ބުނެއެވެ. ކުރިން އައްޑޫގައި ޖެއްސި އެއާކްރާފްޓް ކްރޭޝްވެ، ސާވިސް ކުރެވެން ދެން ފްލައި ކުރުން މަޑުޖެހުނު ކަމަށް ދަރިވަރުން ބުނެއެވެ. އަދި އެ ހާދިސާއަށް ފަހު ދަރިވަރުންގެ އަތުން ދެގުނަ އިތުރަށް ފައިސާ ނަގާފައިވާ ކަމަށް ވެސް އެ ދަރިވަރުން ބުނެއެވެ. މިހާރުވެސް އޭރު ކްރޭޝްވި އެއާކްރާފްޓް އޮތީ މާރާމާތު ނުކުރެވި ކަަމަށާއި މަލްޓި އިންޖިން އެއާކްރާފްޓެއް ހޯދުމަށް ނުވަތަ އެ އެއާކްރާފްޓް ހެދުމަށް އެއްވެސް މަސައްކަތެއް ނުކޮށް ގިނަ ދުވަސްތަކެއް ބޭކާރު ވެގެން ދިއުމަކީ އެ ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ދަރިވަރުންގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައި ވާނެ ކަމަށާއި އަދި ކޯސް ފުރިހަމަ ކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށް އެ ދަރިވަރުން ބުނެއެވެ. ނަމަވެސް މިހާރު ކަން ހިނގާ ގޮތުން ދުވަހަކުވެސް އެ ކޯސް ފުރިހަމަ ނުކުރެވޭނެ ފަދަ އިހްސާސެއް ކުރާ ކަމަށް އެ ދަރިވަރުން ބުނެއެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލް

ކޯހުގެ މުއްދަތާ ގުޅިގެން ދަރިވަރުން ހުށަހާޅާފައިވާ ޝަކުވާތަކަށް ޖަވާބު ދެމުން އެ ސްކޫލުން ބުނެފައި ވަނީ، 18 މަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯސްތަކުގެ މުއްދަތު ކަނޑައަޅަފައި ވަނީ ފްލައިން ކްލާސްތައް ހިންގާ ދުވަސްތަކުގައި މޫސުން ތަންދޭ ނަމަ ކަަމަށެވެ. އަދި 18 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވޭނީ ބަރާބަރަށް ފައިސާ ދައްކާ ދަރިވަރުންނާއި އެއްވެސް ޑިލޭއެއް ނެތި އިމްތިހާންތައް ފުރިހަމަ ކުރާ ދަރިވަރުންނަށް ކަމަށްވެސް އެ ސްކޫލުން ބުނެއެވެ. ގިނަ ދަރިވަރުންނަކީ މި ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުކުރެވޭ ދަރިވަރުން ކަމަށް އެ ސްކޫލުން ބުނެއެވެ.

ކްރޭޝްވި އެއާކްރާފްޓް ގެ މައްސަލައާ ގުޅިގެން އެ ސްކޫލުން ބުނެފައި ވަނީ، ކޮވިޑްގެ ހާލަތު އައުމާއެކު އެ އެއާކްރާފްޓް މަރާމާތު ކުރުމަކީ މި ވަގުތު ފަސޭހާ ކަމެއް ނޫން ކަމަށެވެ. އެ ގޮތުން އެ އެއާކްރާފްޓްގެ ބައެއް ސްޕޭއާތައް ލިބުމުގައި ދަތިތަކެއް ހުރި ކަމަށް އެ ސްކޫލުން ބުނެއެވެ. މީގެ އިތުރުން މިހާރު އިތުރު ދެ އެއާކްރާފްޓް ހޯދުމަށް އެ ސްކޫލުން މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

އައްޑޫގައި ހުންނަ ފްލައިން ސްކޫލް

ކޮވިޑަށް ފަހު އަލުން ކިޔެވުން ފެށޭތީ އެތައް ދަރިވަރުން ތަކެއް އައްޑުއަށް ގޮސް ފުރަބަންދުގައި ތިބި ކަމަށް ދަރިވަރުން ބުނެއެވެ. ނަމަވެސް ހަފްތާއަކު ނަގަނީ 3 ކްލާސް ކަމެއް ނުވަތަ ކޮވިޑްގެ ފަހުން އެ ސްކޫލްގެ އިންތިޒާމްތައް ނޭނގޭ ކަމަށް ވެސް ދަރިވަރުން ބުނެއެވެ. މީގެ އިތުރުން އައްޑުއަށް ގޮސް ތިބޭ އިރު ބައެއް ކުދިން 4000 އާއި 7000 ރުފިޔާއާ ދެމެދުގެ ކުއްޔެއް ދައްކައިގެން ހުންނަން ޖެހޭ އިރު ކޯސް ދިގުދެމިގެން ދިއުމަކީ އެފަދަ ދަރިވަރުންނަށް ދެވޭ ވަރަށް ބިޑު ބޭއިންސާފެއްގެ ގޮތުގައި ދަރިވަރުން ސިފަކުރެއެެވެ.

އެހެންކަމުން އެ ދަރިވަރުންގެ ބެލެނިވެރިންނަށް ކޯސް ދިގުދެމި ހަރަދުތައް ބޮޑުވެވެގެން ދިއުމާ ގުޅޭ ގޮތުން ދޭނެ ޖަވާބަކީ ކޮބާތޯ އަހާ ސުވާލު އުފައްދާފައި ވެއެވެ. އަދި ސްކޫލްގެ މިހާރު ހިންގުމުގެ ކަންކަން ކުރިއަށް ގެންދަން ރާވައިފައި އޮތް ގޮތާއި އެ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ދަރިވަރުން އެދިފައި ވެއެވެ.

ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑާ ގުޅިގެން އެ ސްކޫލަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެ ގޮތުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް އާމްދަނީއެއް ނުލިބި އެ ސްކޫލް ހިންގަމުން ދަނީ ވަރަށް ހާލުގައި ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގައި އެއާކްރާފްޓް ދުއްވުން ވެސް މަނާކޮށްފައިވާ ކަމަށް އެފަރާތުން ބުނެއެވެ.