މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ގއ. ދާންދޫގައި ހިނގި މާރާމާރީގައި 3 މީހަކަށް އަނިޔާވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން 19 އަހަރުގެ ޒުވާނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނެވެ.

އެގޮތުން އިތުރު ފަރުވާއަށް މާލެ ގެނައި އުމުރުން 19 އަހަރުގެ ޒުވާނާގެ ބޭބެ، ޖިނާހް އަބްދުﷲ ވަނީ "ދަ ޕްރެސް" އާ އެ ހާދިސާ ހިނގާދިޔަ ގޮތާއި އެ ޒުވާނާގެ މިހާރުގެ ހާލަތު ކިޔައިދީފައެވެ.

އޭނާ ބުނީ އެ ހާދިސާ ހިނގާ ދިޔަ ގޮތް ކަމަށް އޭނާގެ ކޮއްކޮ ކިޔައިދެމުން ބުނީ އެއީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގާދިޔަ ހާދިސާއެއް ކަމަށާއި އެގޮތުން އެއް ގްރޫޕުގައި ތިބީ އުމުރުން ހަގު ކުދިން ކަމަށެވެ. އަނެއް ގްރޫޕުގައި އުމުރުގެ ގޮތުން ދޮށީ މީހުން ތިބި އިރު އެ މާރާމާރީގައި ޒަހަމް ވެފައި ވަނީ އުމުރުން ހަގު ކުދިން ތިބި ގްރޫޕުގެ ކުދިންނަށް ކަމަށް އޭނާ ކިޔައިދިނެވެ.

އެކަން ފެށިފައި ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަ ކުދިންތަކެއްގެ މެދުގައި ހިނގި "ޒުވާބަކުން" ކަމަށެވެ. އެގޮތުން އެ "ޒުވާބު"ގެ ތެރެއަށް ބޮޑެތި މީހުންތަކެއް ވަދެ ހުތުރު ބަހުން ވާހަކަ ދައްކަން ފަށުމުން އެކަން ނުކުރުމަށް އެދުމުން ހިނގަން މެދުވެރިވި ހަމަނުޖެހުމެއް ކަމަށެވެ.

އެ ހަމަ ނުޖެހުން އެވަގުތު ނިމުނު ނަމަވެސް ފަހުން ގުޅައިގެން އުނދަގޫ ކުރުމުން، އެ ހާދިސާ ހިނގި ގޮތް ކިޔައިދޭން ތަނަކަށްގޮސް ތިއްބާ، އެ ކަމާ ނުގުޅޭ އިތުރު ބަޔަކު އައިސް އެކަކު އަނެއްކަނު ގަޔަށް އަތްލުމުން މާރާމާރީ އަކަށް ބަދަލުވެގެން ދިޔައީ ކަމަށެވެ.

ކޮއްކޮ ބުނީ ކަމާ ނުވެސް ބެހޭ މީހަކު އައިސް އެއްޗަކުން ޖެހީ ކަމަށް، އެ ޖެހި މީހަކީ ކާކުކަން އިނގޭ، އެކަމަކު އެ ޖެހީ ކޯއްޗަކުން ކަމެއް ކޮއްކޮ އަކަށްވެސް ނޭނގޭ
ބޭބެ

މިވަގުތު އޭޑީކޭގެ ހައި ޑިޕެންޑެންސީ ޔުނިޓްގައި އެޑްމިޓްކޮށް ފަރުވާ ހޯދަމުންދާ އޭނާގެ ކޮއްކޮގެ ހާލަތާ ގުޅިގެން ސުވާލު ކުރުމުން ބުނީ އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށެވެ. އެގޮތުން ކޮއްކޮގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވާ ކަމަށާއި ސިކުނޑިއަށް ލޭގެ އަސަރު ކޮށްފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

އަދި ކަންފަތް ކައިރީ ޖަހާފައިވާލެއް ބާރު ކަމުން ކަންފަތަށްވެސް އަނިޔާ ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ލޮލަށް ގެއްލުންވެ ދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް އޭނާ ކިޔައިދިނެވެ. މިވަގުތު މޮނިޓަރިންއަށް ލާފައިވާ ކަމަށާއި އޮޕަރޭޝަނެއް ކުރަން ޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޖިނާހް ކިޔައިދިނެވެ.

އޭނަގެ ސިކުނޑިއަށް ވަނީ ލޭގެ އަސަރުކޮށްފަ، ނާށިގަނޑުވެސް ކުޑަކޮށް ފަޅައިގެން ގޮއްސަ ވަނީ، މިވަގުތު އޮތީ މޮނިޓަރިންގަ، ޑޮކްޓަރުން ބުނީ ފަހަރެއްގަ އޮޕަރޭޝަނެއް ކުރަންވެސް ޖެހިދާނޭ. ދެން އޭނަ ކަންފަތް މަތީގަ ޖަހާފަ ހުރިލެއް ބާރު ކަމުން އެބައިން އެތެރެއަށް ވަދެފަ އިންނަ ފާޑަކަށް. އިންނަނީ ތަނެއް ވަރަށް ބޮޑަށް ހުޅުވިފަ
ބޭބެ

މިހާރު ހޭ އަރާފައިވާ ކަމަށާއި ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ތެދުވެ އުޅެން އުނދަގޫ ކަމަށާއި ޑޮކްޓަރުން ލަފާ ދީފައި ވަނީ ބެޑްރެސްޓް ކުރުމަށް ކަމަށް އޭނާގެ ބޭބެ ކިޔައިދިނެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ދާންދޫގައި ހިންގި މާރަމާރިއެއްގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު ޒަހަމް ކޮށްލާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ 9 މީހަކު ކޯޓު އަމުރެެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.