އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން ސީޕީ ހަމީދު ވިދާޅުވީ، އެ އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ ނާކޮޓިކްސް ޑްރަގް އަތުލައި ގަނެފައި ވާކަމަށެވެ.

އަދި އެ އޮޕަރޭޝަނަކީ ދިވެހި ފުލުހުންގެ މަސައްކަތާއި، ދިވެހީންގެ އިންޓެލިޖެންސަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި އެގޮތުން އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި، މެރީން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން މަސައްކަތް ކޮށްފައި ވާކަން ސީޕީ ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި ކުރިއަށް ދާ އެ އޮޕަރޭޝަން ކުރިއަށް ދާ ވަރަކުން އެކަމާ ގުޅުންހުރި ބައިނަލްއަގްވާމީ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އިއްޔެ އަތުލައިގެން އެ މަސްތުވާތަކެއްޗަކީ އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން އަތުލައިގެން މަސްތުވާތަކެތި ކަމަށް ބޭރުގެ ބައެއް ނޫސްތަކުންވެސް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އެކި ގައުމުތަކަށް މަސްތުވާތަކެތި އެތެރެކުރާ ވަރުގަދަ ނެޓްވޯކެކެވެ.