މަސްތުވާ ތަކެއްޗަށް ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އައްޑޫ ސިޓީން ބަޔަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ޕޮލިސް ކޮމިޝަނަރު، މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިތީގައި މަސްތުވާ ތަކެއްޗާ ދެކޮލަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ދާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށާއި މަސްތުވާތަކެތި ވެސް އަތުލައިގެންފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ. މިހާތަނަށް ހައްޔަރު ކުރެވުނު މީހުންގެ އަދަދާއި މަސްތުވާތަކެތި ހޯދުނު އަދަދުވެސް ޔަގީންވާ ގޮތް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރުވެސް އެ އޮޕަރޭޝަން ދަނީ ކުރިއަށެވެ.

އެ އޮޕަރޭޝަނުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމަންޓާއި، މެރިން ޕޮލިސް، އާއި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރި ވަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.