ކޯވިޑް-19 އާއި ގުޅިގެން ގުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިއީ އެޑިއުކޭޝަނުން މުއްދަތު އިތުރު ކުރި 2 ވަނަ ފަހަރެވެ. ފުރަތަމަ ފަހަރު މުއްދަތު އިތުރު ކުރީ، އެހީއަށް އެދި ފޯމް ލީ ފަރާތްތަކުން ފޯމްލީތާ 2 މަސް ފަހުންނެވެ. އެފަހަރު މުއްދަތު އިތުރު ކުރީ، ފޯމު މާލިއްޔަތު ގަވައިދަށް ފައްތަން ކަމަށް ބުނެއެވެ. 1 ހަފްތާގެ މުއްދަތު ދީފައި ފޯމްލާން ބުނެ، އާންމުން ފޯމް ލީ ފަހުން އަނެއްކާ މިވަނީ މުއްދަތު އިތުރު ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން، މީގެ ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ގިނަ ފަރާތްތަކުން ހުށައަޅަން ޖެހޭ ޑޮކިއުމެންޓްތައް ފުރިހަމައަށް ހުށަހަޅާފައި ނުވާ ކަމަށާއި، އެކަމަށް އެދި ކުރިމަތިލި ފަރާތްތައް މަދުކަމަށެވެ.

އެގޮތުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު ވަނީ އޮކްޓޯބަރު 8 ވާ ބުރާސްފަތި ދުވަހުގެ 12:00 އާ ހަމައަށް އިތުރު ކޮށްފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރި ވުމުގެ ގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

"ކޮވިޑް-19 އާ ގުޅިގެން ފައިސާގެ އެހީ ހޯދުމަށް އަމިއްލަ ގުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިޔުނިޓީ ޕްރީސްކޫލްތަކުން ހުށަހަޅާ ފޯމް" މިނިސްޓްރީގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.