ލިވަޕޫލްގެ ފޯވަޑް ސާޑިއޯ މާނޭ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.
މިސީޒަންގައި ލިވަޕޫލަށް މިހާތަނަށް ތިން ލަނޑު ކާމިޔާބުކޮށްދީފައިވާ މާނޭއާ ބެހޭ ގޮތުން ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާނޭ ޕޮސިޓިވްވެފައިވާ ކަމަށާ މިހާރު އޭނާ ހުރިހާ އަމިއްލައަށް އެކަހެރިވެގެން ކަމަށެވެ.
އަދި އޭނާ ބައްޔަށް ޓެސްޓްކޮށްފައިވަނީ ބަލީގެ އަލާމްތައް މާނޭގެ ކިބައިން ފެނުމުން ކަމަށާ އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ލިވަޕޫލްއިން ވަނީ ބުނެފައެވެ.
މިއީ ސީޒަން ފެށިފަހުން ލިވަޕޫލުން ޕޮސިޓިވްވި ދެވަނަ ކުޅުންތެރިޔާއެވެ. މި ސީޒަންގައި އެޓީމާ އަލަށް ގުޅުނު ތިއާގޯ އެލެކަންތަރާ މި ދިޔަ ހަފްތާގައި ވަނީ ކޯވިޑަށް ޕޮސިޓިވްވެފައެވެ. ޓީމުން ބުނެފައިވަނީ ދެ ކުޅުންތެރިން ވެސް ހަމަޖެހިފައިވާ އުސޫލުގެ މަތިން ދެން ކްލަބްގެ ތަމްރީނުތަކުގައި ދެން ބައިވެރިވާނީ ކަރަންޓީނުގެ ދުވަސްތައް ނިމުމުން ކަމަށެވެ.
މި ދެކުޅުންތެރިންނަށް ވެސް ދެން އެންމެ އަވަހަށް ވެސް ލިވަޕޫލުގެ މެޗެއްގައި ކުޅެވޭނީ އޮކްޓޯބަރު މަހުގެ 17 ވަނަ މަހުގެ ފަހުން ކަމަށް ބެލެވެއެވެ.
މިދިޔަ ހޯމަދުވަހު ޕްރިމިއާ ލީގުން ބުނެފައިވަނީ އެންމެ ފަހުން ކްލަބްތަކުގެ ކުޅުންތެރިންނާ ސްޓާފުން ޓެސްޓްކުރި އިރު 10 މީހުން ޕޮސިޓިވްވެފައިވާ ކަމަށާ މިއީ ސީޒަންގެ ފެށިފަހުން އެންމެ ގިނަ ބަޔަކު އެއް ފަހަރާ ޕޮސިޓިވްވި ފުރަތަމަ ފަހަރު ކަމަށެވެ.