ދިރާގު "މާ ރަނގަޅު" ޓެގްކޮށް ފޮޓޯއާއި ވީޑިއޯ ޝެއާކުރާ ކަސްތަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭ ކޮންޓެސްޓެއް ފަށައިފިއެވެ.

ދިރާގުން ބުނީ މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެންމެ އުފާވެރި ވަގުތުތަކުގެ ފޮޓޯއާއި ވީޑިއޯތައް ދިރާގަށް ހިއްސާކޮށްލާއިރު ހޭޝްޓެގް ދިރާގު މާރަނގަޅު ޖެހުމަށްފަހު ޕަބްލިކްކޮށް ޕޯސްޓް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ގޮތުން އެ ޕޯސްޓް ކުރަންވާނީ ދިރާގުގެ ކަސްޓަމަރެއް ކަމަށާއި އެ ފޮޓޯ ވާންވާނީ އެމީހަކު އަމިއްލައަށް ނަގާފައިވާ ފޮޓޯއަކަށް ކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޕޯސްޓް ދިރާގުން ރީ ޝެއާ ކުރާނެ ކަމަށާއި އަދި ހޭޝްޓެގް މާ ރަނގަޅު ޖަހާ ސޯޝަލް މިޑިއާގެ ޕްލެޓް ފޯމްތަކުގައި އެ ޕޯސްޓް ޝޭއާކުރާ އިރު ފޮޓޯ ކްރެޑިޓް ކޮންޓެސްޓުގެ ބައިވެރިއާއަށް ދޭނެ ކަމަށް ދިރާގުން ބުނެއެވެ.އަދި މުބާރާތް ނިމޭ ދުވަހު ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިރާގުން ބުނެއެވެ.

އެގޮތުން ފަހުރުވެރި އެއްވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 އެއް ލިބޭނެ ކަމަށާއި އެއާއެކު ވަޔާލެސް ޗާޖަރާއި އިއާ ބަޑް ވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ. ދެވަނައަށް ހޮވޭ ނަސީބުވެރި ފަރާތަކަށް އެއާޕޮޑް ޕްރޯއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ތިންވަނައަށް ހޮވޭ ނަސީބުވެރި ފަރާތަށް އެމެޒޮން އެކޯ ޑޮތްއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ.

މި މުބާރާތުިގެ ނަސީބުވެރި ފަރާތް ހޕޮވުމަށް ފަހު ދިރާގުގެ ފޭސްބުކާއި އިންސްޓާގްރާމް އަދި ޓިވިޓާ މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތަކީ ދިރާގުގެ މުވައްޒަފަކަށް ނުވާނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.