ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އަބްދުﷲ ފަޔާޒު ސަސްޕެންޑު ކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ފަޔާޒް ސަސްޕެންޑް ކޮށްފައި ވަނީ އޭނާއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދަތީ ކަމަށެވެ. އެހެންކަމުން ސީއެސްސީގެ ގަވާއިދުގެ ދަށުން މުސާރަ ލިބޭ ގޮތަށް 1 މަސް ދުވަހަށް ފަޔާޒު ސަސްޕެންޑު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ފަޔާޒު ހަމަޖައްސާފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަސް ތެރޭގައެވެ. އޭނާ ވަނީ ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތަކުގައި ހަ އަހަރު ހޭދަކުރައްވާފައެވެ.
ޓްރާންސްޕޯޓް މިނިސްތްރޫގެ ޕީއެސް ސަސްޕެންޑްކޮށްފައިވާއިރު މީގެ ކުރިން ވަނީ އެ މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަކި ކުރި މައްސަލައެއް ފެންމަތިވެފައެވެ. އެ މުވައްޒަފުން ވަނީ ތަނުގެ ހިންގުމާއި ތަނުގެ މަސައްކަތްތަކުގެ ޒިންމާ ބައެއް މަތީ ފަންތީގެ ބޭފުޅުން އަދާ ނުކުރައްވާ ކަމުގެ ތުހުމަތުތައް ކޮށްފައެވެ. މަތީ ފަންތީގެ މަގާމުތައް ފުރުއްވާ މީހުންގެ މަސައްކަތުގެ މައްސަލަތައް ހޯދުމުގެ ބަދަލުގައި އެވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި ތިބި އެންމެ ދަށް ފަންތީގެ މަގާމުގައި ތިބި މީހުން ވަޒީފާއިން ވަކި ކުރީ ކަމަށް އެފަރާތްތަކުން ބުނެއެވެ.
މި މައްސަލައިގައި އެ މުވައްޒަފުން އަޑު އުފުލާ މުޒާހަރާ ކުރިއެވެ. އަދި އެ މައްސަލަ ރައީސް އޮފީހަށްވެސް ހުށަހެޅިއެވެ. ނަމަވެސް އެ މުވައްޒަފުންނަށް އިންސާފު ލިބިފައި ނުވާކަމަށް އެފަރާތްތަކުން ބުނެއެވެ.