އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެހެން ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއަށް އޭނާ އިއުތިރާފްވެ ވަޑައިގެން އެކަމާ ގުޅިގެން ކޯޓަށް ދިން މައުލޫމާތު ތަކާ ގުޅިގެންނެވެ.

އެގޮތުން އަދީބު ވަނީ އޭނާވެސް އިސްތިސްނާ ނުވާ ގޮތަށް އެ ހިޔާނާތުގައި ބައިވެރިވި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެތަށް ބޭފުޅުންނަކަށް ލިބިފައިވާ ކަމަށާއި ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނާއި ސަރުކާރުގެ ވުޒާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް އެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައި ނުވާކަން ތަކުރާރުކޮށް ދަންނަވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ހިޔާނާތްތެރި ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާއެއްގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ އަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެކެވެ.