ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ ބޮލުގައި ވައްކަން ފޮރުވަން އުޅޭކަމުގެ އިލްޒާމް އެޅެން ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން ބައިކުޅަބައި ލިބިފައި ތިބި މިނިސްޓަރުންނާއި މަޖިލިސް މެންބަރުންނާއި އެނޫންވެސް މީހުންގެ ނަންތައް ހާމަކޮށް ޝަރީއަތްކޮށް އިންސާފު ގާއިމްވާން ޖެހޭ ކަމަށެވެ.

އެކަން ނުކުރާނަމަ އެއީ ވައްކަން ފޮރުވަން އުޅޭ ބައެއް ކަމަށް ދެކޭނެ ކަމަށާއި އެމްޑީޕީގެ ބޮލުގައި އެ ބަދުނާމު އެޅެން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ހަތީފް އެފަދައިން ވިދާޅުވެފައި ވާއިރު، އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ މީހުންގެ އަދަދު 300 އިން މައްޗަށް އަރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާނާތުގައި ބައިވެރިވި މީހުންގެ އަދަދު 300 އިން މައްޗަށް އަރާފައިވާ ކަމަށް އައްސަދު ވިދާޅުވި އިރު، އޭސީސީން ހާމަ ކޮށްފައި ވަނީ އެ ހިޔާނާތުގައި ބައިވެރިވި އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތެއްގެ ނަމެވެ.

އެ ހިޔާނާތާ ގުޅިގެން، ތުހުމަތުކުރެވޭ ފަރާތްތައް އޭސީސީ އާއި، ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން، ކޯޓަށް ފޮނުވާފައިވާ ކަމަށާއި އޭގައި ބަލާފައިވަނީ، ކޮންމެ މީހަކަށް ލިބުނު ފައިސާގެ އަދަދާއި ލިބެން ހުރި ހެއްކާއި އަދި އެމީހަކީ ކިހާ ނުފޫޒު ގަދަ މަގާމެއްގައި ހުރި މީހެއްތޯ ބަލައިގެން ކަމަށް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އޭސީސީން އާއްމުކުރި އެމްއެމްޕީއާރްސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ 155 މީގެއްގެ އެކައުންޓަށް ހިޔާނާތުގެ ފައިސާ ވަދެފައި ވާކަމަށާ 57 ރަށެއްގެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ ރަށްތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓްތަކަށް ޖަމާނުކޮށް ޗެކް އެންޑޯސްކޮށްގެން އެކިއެކި އަމިއްލަ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.